ގއ.ވިލިނގިލީގެ އޮޑި ހަރުގެއެއްގައި މަރުވެފައިވާ އޮއްވައި ފެނުނު ހުޞައިން ސިމާދު ޖެހުނު ކަރަންޓް ދަންތުރަ ހެދީ އެހަރުގެ ބަލަހަށްޓަން ޙަވާލުވެހުރި ސަޢީދު ހަސަން ކަމަށް ފުލުހުން ތުހުމަތު ކުރައްވައިފިއެވެ.
ހަރުގޭގައި ޖަހާފައި ހުރި ކަރަންޓް ދަންތުރައެއްގައި ޖެހިގެން ސިމާދު މަރުވެފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 17 ދުވަހުއެވެ. ސިމާދަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހެއްނަމަވެސް ވިލިނގިލީ މީހަކާ އިނދެގެން އޭނާ ދިރިއުޅެމުންދިޔައީ އެރަށުގައެވެ. އަދި އޭނާގެ ރަޖިސްޓްރީ އެރަށަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން މިއަދުވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގެ ތަފްސީލް ދެއްވަމުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ސިމާދުގެ ޚަބަރެއް ނުވެގެން އޭނާގެ އަންހެނުން ދެފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުވި ކަމަށާއި އަދި ފަހުން ދިޔަ ފަހަރު އެނާ ގެއްލުނު ކަމަށް ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ޝިފާއު ވިދާޅުވީ ސިމާދު ގެއްލުނު ކަމަށް ރިޕޯޓްކުރިފަހުންވެސް ރަށުގެ ބައެއް ސަރަހައްދުތަކުން އޭނާ ފެނިފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި ސިމާދަކީ އާންމު ގޮތެއްގައި އާއިލާއަށް ނޭންގި ގިނައިރު ބޭރުގައި އުޅޭ މީހެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ފުލުހުން ވިދާޅުވީ ސިމާދު މަރުވެފައި އޮތް ކަމުގެ ރިޕޯޓްކުރީ އޭނާ މަރުވެފައި އޮއްވާ ފެނުނު އޮޑި ހަރުގެ ބަލަހަށްޓަން މީހާ ކަމަށާއި އެގޮތުން ސައީދު ހަސަން ފުލުހަށް ހާޒިރުވެ ހަރުގެތެރެއަށްވާ ގޮތަށް ޓިނުގަނޑުގެ ދޭތެރޭގައި މީހަކު ތާށިވެފައިވާ ކަމަށްބުނެ މައްސަލަ ހުށަހެޅުމުން ފުލުހުން ހާދިސާ ހިނގި ތަނަށް ގޮސް ބެލިއިރު ހަރުގޭގެ އުތުރުފަރާތު މެދެއްހާ ހިސާބުގައި މީހަކު ތާށިވެފައި އޮތްވާ ފެނިފައިވާ ކަމަށެވެ.
"ސައީދު ހަސަން ފުލުހަށް އައިސް ހަރުގޭގެ ޓިނުގަނޑުގެ ދޭތެރޭގައި މީހަކު ތާށިވެފައިވާ ކަމަށްބުނެ ރިޕޯޓްކުރީ. ހާދިސާ ހިނގި ތަނަށް ފުލުހުންގޮސް ބެލިއިރު ހަރުގޭގެ އުތުރުފަރާތު މެދެއްހާ ހިސާބުގައި މީހަކު އޮތީ ތާށިވެފައި. އޭރު އޭނާގެ އެއްވެސް ހަރަކާތެއްނެތް." ޝިފާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަން ތަހުގީގު ކުރުމުން ސިމާދު ހަރުގެއަށް ވަދެ އޮތް ބާގަނޑާ ދިމާލުގައި ކަރަންޓް ދީފައިވާ ދެނަރު އޮތް ކަމަށެވެ. އެނަރުގަނޑު ފެނިފައިވަނީ ސިމާދުއޮތް ދިމާލާ 40 ވަރަކަށް ފޫޓް ދުރުން ކަމަށް ޝިފާޢު ވިދާޅުވިއެވެ. ކަރަންޓްގައި ޖެހުމުން ނަރުގަނޑު ދުރަށް އެއްލާލާފައިވާ ކަމަށާއި އެނަރުގަނޑުން ސިމާދުގެ ޑީއެންއޭ ފެނިފައިވާކަން އޭނާ ފާޙަގަކުރެއްވިއެވެ.
ޝިފާއު ވިދާޅުވީ އެ ހަރުގެ ބަލަހައްޓަމުން ދިޔައީ ސައީދު ހަސަން ކަމަށާއި އޭނާއަކީ ފެނަކާގައި 10 އަހަރު ދުވަސް ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމަށެވެ. އަދި ކަރަންޓްގެ ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖްރިބާހުރި ފަރާތެއް ކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތުވާ ސައީދު ހަަސަން ހައްޔަރު ކޮށްފައިނުވި ނަމަވެސް އޭނާއާ ސުވާލުކޮށްފައިވާ ކަމަށް ޝިފާޢު ވިދާޅުވިއެވެ. އަދި އޭނާ ހައްޔަރު ނުކުރަނީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަންޖެހޭ ފަރާތަކަށް ނުވާތީ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަ ބަލަމުންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.