ދީން

ސައުދީން އިތުރަށް ދިން ހައްޖު ކޯޓާ މިއަހަރު ބޭނުންކުރެވޭތޯ ބަލަނީ


ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރަށް ދީފައިވާ އެއްހާސް ކޯޓާ، މިއަހަރު ބޭނުންކުރެވޭނެ ގޮތެއް ހޯދުމާ ގުޅޭ ގޮތުން ސައުދި އަރަބިއްޔާގެ ޙައްޖު މިނިސްޓްރީއާ މަޝްވަރާކުރަމުން ގެންދަވާ ކަމަށް އިސްލާކިމް މިނިސްޓްރީން ހާމަކޮށްފިއެވެ.އެމްބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ މުޙައްމަދު ދީދީ ވިދާޅުވީ، ޙައްޖުގެ އަޅުކަން އަދާކުރުމަށް ކޮންމެ އަހަރަކުވެސް ސައުދީ އަރަބިއްޔާއިން ދެމުން އަންނަނީ އެއްހާސް ކޯޓާ ކަމަަށެވެ. އެހެންނަމަވެސް ދާދި ފަހުން ރައީސުލްޖުމްޙޫރިއްޔާ ސައޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖެއަށް ދެމުން އަންނަ ކޯޓާގެ އިތުރަަށް އެއްހާސް ކޯޓާ ސައުދީ ސަރުކާރުން އިތުރުކޮށް ދެއްވާފައިވާ ކަމަށެވެ.އެހެންކަމުން ޖުމްލަ ދެހާސް ކޯޓާ މިހާރު ރާއްޖެއަށް ވަނީ ލިބިފައެވެ.އިތުރުކޯޓާ ހަމަޖެހިގެންދިޔައިރު އަންނަ އަހަރަށް ކުރިން ލިބިފައި އޮތް އެއްހާސް ކޯޓާ ބަހާނެގޮތް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ކަންކަން ވަނީ ނިމުމަކަށްއައިސްފައެވެ.އިސްލާމިކް މިނިސްޓްރީގެ ޕާރމަނަންޓް ސެކްޓްރީ މުޙައްމަދު ދީދީ ވިދާޅުވީ، ސައުދީން އަލަށް އިތުރުކޮށްދެއްވި އެއްހާސް ކޯޓާ މިއަހަރު ބޭނުންކުރެވޭނެ ގޮތެއް ހޯދުމަށް ސައުދީގެ ޙައްޖު މިނިސްޓްރީއާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެެވެ. އަދި އެ މަޝްވަރާތަކަށްފަހު ކޯޓާ ބަހާނެ ގޮތެއް ކަނޑައެޅިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިތުރުން މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ތިން ޖަމާއަތަކަށް ވަނީ ފުރުސަތު ދީފައެވެ. އެއީ މިނާ ޙައްޖު އުމްރާއާއި، ސިސިލްފަރު ޙައްޖު އެންޑް އުމްރާ އަދި ޒައީ ގުރޫޕަށެވެ.ޙައްޖަށް ގެންދަން ބޮލަކަށް ނެގުމަށް ހަމަޖެހިފައިވަނީ ފަސްދޮޅޮސް ނުވަ ހާސް ނުވަސަތޭކަ ފަސްދޮޅޮސް ނުވަ ރުފިޔާއެވެ.