ދުނިޔެ

އިރާނުގެ ނިއުކިލިއަރ ވާހަކަތައް އިތުރު ދުވަހަކު ކުރިޔަށް ގެންދަނީ


އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ސްވިޓްޒަލޭންޑްގެ ލޮޒާންގައި ކުރިޔަށްދާ ނިއުކްލިޔަރ  ވާހަކަތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބުމާ ގުޅިގެން އެވާހަކަތައް އިތުރު ދުވަހަކަށް ކުރިޔަށް ގެންދިޔުމަށް ނިންމައިފިއެވެ.އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ފާއިތުވި ދެތިން ދުވަހުގެ ވާހަކަތަކުން އީރާނުގެ ނިއުކްލިޔަރ މައްސަލައަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދިޔުމަކީ މިވާހަކަތައް އިތުރު ދުވަހަކަށް ދިގުދެންމުމަށް ނިންމި ސަބަބު ކަމަށެވެ.އީރާނުގެ ނިއުކްލިޔަރ މައްސަލާގައި އެއްބަސްވުމަކާ ހަމައަށް އައުމަށް ކަނޑައަޅާފައިވާ ސުންގަނޑި ރޭ މެންދަމު 12 ޖަހާއިރަށް ހަމަވެފައިވާއިރު އެއްބަސްވުމަކާ ހަމައަށް ދިޔުމަށް ހުރަސްއަޅާ ތިން މައްސަލައިގެ ތެރެއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މައްސަލަ ވަނީ ޙައްލުވެފައެވެ.ބާކީ އަނެއް ދެ މައްސަލަ މިރޭ މެންދަމު 12 ޖެހުމުގެ ކުރިން ޙައްލުކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަމުން އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ ސުންގަޑި އެއްދުވަހުގެ މުއްދަތަށް އިތުރު ކޮށްފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން މޭރީ ހާފް ވިދާޅުވިއެވެ.އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާލުމަށް އީރާނުން ބޭނުންވާއިރު ދުނިޔޭގެ ބާރުތަކުން ބޭނުންވަނީ މަރްޙަލާތަކަކަށް ބަހާލައިގެން މިފިޔަވަޅުތައް އުވާލުމަށެވެ.މިމައްސަލާގައި މެދުމިނުގެ ޙައްލަކަށް ދެފަރާތުންވެސް އެއްބަސްވެފައިވާއިރު އެއްބަސްވި ގޮތުގެ ތަފްސީލް ހާމަކޮށްފައެއްނުވެއެވެ.މިކުރިއެރުންތަކާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގެއީ ލަވްރޯފް ވަނީ ނިއުކްލިޔަރ މައްސަލާގައި އީރާނާއި ދުނިޔޭގެ ބޮޑު ހަ ބާރާދެމެދު އެއްބަސްވުމަކަށް އައުމުގެ ފުރްސަތު ސައްތައިން ސައްތައަށް އޮތް ކަމަށް ވިދާޅުވެ ވަރަށް އުންމީދީ ގޮތަކަށް ވާހަކަ ދައްކަވާފައެވެ.މިވާހަކަތަކުގައި ބައިވެރިވެވަޑައިގަންނަވާ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވީ މިހާތަނަށް ލިބުނު ކުރިއެރުންތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާ ނަމަވެސް ޙައްލުކުރަންޖެހޭ ބައެއް މައްސަލަތައް އަދިވެސް އެބަހުރިކަމަށެވެ.