ޚަބަރު

ޝައްފާނާއި އާގިލުގެ މަރަކީ ސިލްސިލާ މާރާމާރީއެއްގެ ބަދަލު ހިފުމެއް - ފުލުހުން


ތޫނު ހަތިޔާރުން ޙަމަލާދިނުމަށްފަހު އިސްމާއީލް ޝައްފާން ޝަރީފާއި އިބްރާހިމް އާގިލް މަރާލާފައިވަނީ އެ ދުވަސްވަރު މާލޭގައި ކުރިއަށްދިޔަ ސިލްސިލާ މާރާމާރީތަކެއްގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ވިދާޅުވެއްޖެއެވެ.

އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ރޭ 19:30 ހާއިރު ބޮޑު ތަކުރުފާނު މަގުގައި ހުންނަ އެމްއެމްއޭއާ ދިމާގައި ގއ.ފަރެސްމާތޮޑާ ކޮކާ، އިބްރާހީމް އާގިލް މަރާލާފައި ވަނީ ތޫނު އެއްޗަކުން ހަމަލާދީގެންކަމަށާ އޭނާގެ މެޔަށް ފުން ޒަޚަމެއް ލިބިފައިވާ ކަމަށެވެ.

ސާމިހް ވިދާޅުވީ އިބްރާހީމް އާގިލަށް ހަމަލާދީފައިވަނީ އޭނާ ވ.ފުލިދުއަށް ދަތުރެއް ކުރުމަށްފަހު މާލެއައިސް ތޮށިގަނޑުމައްޗަށް ފޭބި ވަގުތުކަމަށާ ފުލުހުންނަށް ރިޕޯޓް ލިބުމާއެކު ވަގުތުން އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭރު އޭނާގެ ފުރާނައެއް ނެތްކަމަށެވެ.

ތޫނު ހަތިޔާރުން ހަމަލާދީ އާދިލްގެ މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ސ.ހިތަދޫ ސުވޭމުހީނާގެ ޢުމުރުން 19 އަހަރުގެ ޢަލީ މިޖުވާދު މާލިކް އިބްރާހިމާއި، ލ.ފޮނަދޫ ހިޔާ އުމުރުން 19 އަހަރުގެ ހަމްޒަތު އަޙްމަދު އަދި ހއ.ދިއްދޫ ސްނޯބާރޑް އިބްރާހީމް ވިޝާމެވެ.

މީގެ އިތުރުން ފުލުހުން ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 11ވަނަ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރު ސަބްދެރިޔާމަގުގައި ހުންނަ ގ.ކޯޒީގެއާ ދިމާގައި ތޫނު ހަތިޔާރުން ހަމަލާދީ ށ.ފޭދޫ ހީނާމާގޭ އުމުރުން 14 އަހަރުގެ އިސްމާއީލް ޝައްފާން ޝަރީފް މަރާލާފައިވަނީ ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މާރާމާރީތަކެއްގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ ޝައްފާނަށް ތޫނު ހަތިޔާރުން ހަމަލާދިންތާ ފަސް މިނެޓްފަހުން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާގެވެސް ފުރާނަ ނެތް ކަމަށާއި އަދި އެކުއްޖާ މަރުވެފައިވަނީ ތޫނު ހަތިޔާރުން ގިނަ ހަމަލާތަކެއް ދިނުމުން ކަމަށެވެ. އޭނާގެ ހަށިގަނޑުގެ 8 ތަނެއްގައި ފުން ޒަޚަމްތައްހުރި ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ މަލަ އުމުރުން 27 އަހަރުގެ މުޙައްމަދު އައިމަން ހަބީބާއި، ސ.މަރަދޫ މޫންލައިޓްގްލޯރީ އުމުރުން 19 އަހަރުގެ ހަސަން ނަބާހްއާއި، ސ.ހިތަދޫ ޗަމަން އުމުރުން 27 އަހަރުގެ ހުޞައިން ނިހާދު އަޙްމަދާއި މއ.ޓޮމާޓޯފްލާވާރ އުމުރުން 19 އަހަރުގެ ހުޞައިން ޖައިލަމްއެވެ.

ފުލުހުން ވިދާޅުވީ ޝައްފާނަށް ތޫނު ހަތިޔާރުން ހަމަލާދީ މަރާލި މައްސަލައާގުޅިގެން ހައްޔަރުކުރި ހަތަރު މީހުންނަކީވެސް މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމާއި ބޮޑެތި ގިނަ ކުއްތަކެއްގެ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށާއި އެހަތަރު މީހުންގެ މައްސަލަވެސް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

އާގިލްގެ މަރަކީ އެދުވަސްވަރު މާލޭގައި ހިނގާދިޔަ ގްރޫޕް މާރާމާރީގެ ތެރެއިން ބަދަލުހިފުމުގެ މަރެއް ކަމަށާއި ޖެހިގެން އައި މަހު ޝައްފާންވެސް މަރާލާފައިވަނީ ސިލްސިލާ މާރާމާރީއެއްގެ ބަދަލުހިފުމުގެ ގޮތުން ކަމަށް ފުލުހުން ވިދާޅުވެއެވެ.