ޚަބަރު

ދަރުމަވަންތަ ސްކޫލްގެ ކްލާސްރޫމްތައް އޭސީ ކުރަނީ!


ދަރުމަވަންތަ ސްކޫލްގެ ކްލާސްރޫމްތައް ހޫނުވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް އެސްކޫލްގެ ކުލާސްރޫމްތަކުގައި އެސީ ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޑިއުކޭޝަން މިނސްޓްރީން ވިދާޅުވީ އެސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް ނިންމާފައިވަނީ ކްލާސްރޫމްތައް ހޫނުވުމުގެ ސަބަބުން ދަރިވަރުންނަށް އެކިކަހަލަ ބަލިތައް ޖެހެމުންދާތީއާއި ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުންކަމަށެވެ.

މިގޮތުން ދަރުމަވަންތަ ސްކޫލްގެ 16 ކްލާސްރޫމެއްގައި އޭސީ ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވޭ އެއްމިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއުގެ މަސައްކަތް މެހެއްހައިދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިމަސައްކަތް ކުރިއަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެންނެވެ.

ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުންދަނީ އާއިމާރާތް ނިމެންދެން ތައްޔާރުކޮށްފައިވާ ވަގުތީ ޢިމާރާތެއްގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ކުރީގެ ދަރުމަވަންތަ ސްކޫލްތަޅާލުމަށް ބަޔާކާ ހަވާލުކޮށްފައިވީނަމަވެސް މުއްދަތު ހަމަވިއިރުވެސް މަސައްކަތް ނިމިފައިނުވާކަމަށެވެ. އަދި މިމަސް ނިމުމުގެ ކުރިން ކުރީގެ ދަރުމަވަންތަ ސްކޫލްގައި ތަޅާލާފަ ހުރިތަންތަން ސާފުކުރުމަށް އެފަރާތަށް އަންގާފައިވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ކުރީގެ ދަރުމަވަންތަ ސްކޫލް ތަޅާލުމަށްފަހު 2017ވަނަ އަހަރު، އާ ސްކޫލެއް އެތަނުގައި އެޅުއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް އޭރު ސަރުކާރުންވަނީ ވިދާޅުވެފައެވެ.