ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓްރޭޑް މާކެޓް ފެސްޓިވަލް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޓްރޭޑް މާކެޓް ފެސްޓިވަލަކީ، ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓެއިންމެންޓުން ރޯދަމަހާއި ދިމާކޮށް ހެޔޮ އަގެއްގައި އާންމުނަށް އެކި ބާވަތުގެ މުދާ ފޯރުކޮށްދިނުމަށްޓަކައި ބާއްވާ ފެސްޓިވަލްއެކެވެ. މިމަހުގެ 27 އިން އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލުގައި އެކި ބާވަތުގެ 200 ވިޔަފާރި ސްޓޯލް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ސްޓޯލްތަކުގެ އިތުރުން މިފެސްޓިވަލްގައި 2 ކެންޓީން ބަހައްޓާއިރު، ރަނގަޅު ކާނާގެ ބާވަތްތައް ލިބިގެންދާނެކަމަށް ސްޓްރައިވްއިން ބުނެއެވެ. މީގެއިތުރުން މުނިފޫހިފިލުވުމުގެ ގޮތުން މަޝްހޫރު ލަވަކިޔުންތެރިންނާއި ޖާދޫ ހަދާ މީހުން ބައިވެރިކުރުވައި ތަފާތު ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.
ސްޓްރައިވްއިން ބުނީ މި ފެސްޓިވަލްގެ ޒަރިއްޔާއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ޕްރޮމޯޓްކުރުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނުވެރިންގެ މަސައްކަތްތައް ޕްރޮމޯޓްކުރެވޭނެކަމަށެވެ.
މި ފެސްޓިވަލުން ލިބޭ ފައިދާގެ %30 ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. މި ފެސްޓިވަލާއި ގުޅުވައިގެން ސްޓްރައިވްއިން ފޭސްބުކްގައި ކުރިއަށްގެންދާ "ލައިކް" އެންޑް "ޝެއަރ" ޕްރޮމޯޝަނުން ހޮވޭ ފަރާތަކަށް އެއް ސްޓޯލް ހިލޭ ދިނުމަށް އެ ޖަމިއްޔާއިން ވަނީ ނިންމާފައެވެ.