ވިޔަފާރި

ޗައިނާ ކޮންޓެންޓް ބްރޯޑްކާސްޓިން ނެޓްވޯކް އެގްޒިބިޝަން ބެއިޖިންގައި ފަށައިފި


ބްރޯޑްކާސްޓިންގެ ދާއިރާގެ އެންމެ ފަހުގެ އާލާތްތަކާއި، ޚިދުމަތްތައް ދައްކާލުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޗައިނާ ކޮންޓެންޓް ބްރޯޑްކާސްޓިން ނެޓްވޯކް އެގްޒިބިޝަން، ސީސީބީއެން 2019 ބެއިޖިންގައި ފަށައިފިއެވެ.

ޗައިނާ އިންޓަރނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދާ މިފަހަރުގެ އެގްޒިބިޝަނުގައި ބްރޯޑްކާސްޓިން ދާއިރާގެ އެންމެ ފަހުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް އެއްހާހަށްވުރެ ގިނަ ކުންފުނިން ބައިވެރިވެއެވެ. މީގެތެރޭގައި ޗައިނާ، އެމެރިކާ، ޔޫރަޕް، އޭޝިޔާ އަދި އެފްރިކާގެ ތިރީހަށްވުރެ ގިނަ ޤައުމުގެ އެގްޒިބިޓަރުން ހިމެނެއެވެ.

މިއަހަރުގެ އެގްޒިބިޝަންގައި ރޭޑިއޯ، ޓީވީ، އޮންލައިން މީޑިއާއަށް ބޭނުންވާ އެންމެ ފަހުގެ އާލާތްތަކާއި ޚިދުމަތުގެ އިތުރުން އޮފީސްތަކާއި އަމިއްލަ ގެތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ހާއްސަ ޓެކްނޮލޮޖީތައް ދަނީ ދައްކާލަމުންނެވެ.
މިއެގްޒިބިޝަންގެ ތެރެއިން ބްރޯޑްކާސްޓުކުރުމުގެ ދާއިރާއިން އެންމެ ފާހަގަކުރެވޭ އުފެއްދުންތަކާއި ޚިދުމަތްތައް ތައާރަފްކުރަމުންދާ ކުންފުނިތަކަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މިއީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ޤައުމުތަކުގެ ބްރޯޑްކާސްޓިން ދާއިރާ ޑިޖިޓަލައިޒްކުރުމަށް ބޭނުންކުރެވޭނެ ތަކެއްޗާއި، ޚިދުމަތްތައް އާއްމުނަށް ދައްކާލުމަށް ބާއްވާ އެގްޒިބިޝަނެކެވެ.

މިމަހުގެ 19 ވަނަ ދުވަހު ފެށި މި އެގްޒިބިޝަނުގެ އެންމެ ފަހު ދުވަހަކީ މާދަމާއެވެ.