ޓުއަރިޒަމް

ފަތުރުވެރިކަން އިސްތިހާރުކުރުމަށް ރޯޑް ޝޯ ތަކެއް އިންޑިޔާގައި


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކާ މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އިންޑިއާގައި ރޯޑް ޝޯ ތަކެއް ބާއްވައިފިއެވެ.އެގޮތުން އެމްއެމްޕީއާރުސީން ވަނީ އިންޑިއާގެ ހަތަރު ސިޓީއަކަށް އަމާޒްކޮށްގެން ރޯޑް ޝޯއެއް ބާއްވާފައެވެ. އަދި ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަން އާ ގުޅިގެން އިންޑިއާގެ ޗެންނާއީގައިވެސް ވަނީ ރޯޑް ޝޯއެއް ބާއްވާފައެވެ.އެމްއެމްޕީއާރުސީން މައުލޫމާތުދޭ ގޮތުގައި އިންޑިއާގެ ބެންގަލޯ، މުމްބާއީ، ކޮލްކަތާ އަދި ނިއުދިއްލީގައި ކުރިއަށްގެންދިޔަ ރޯޑް ޝޯ އަށް އިންޑިއާގެ ޓްރެވަލް ޓްރޭޑްގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވަރަށް ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ. އަދި ޗެންނާއީގައި ބޭއްވި ރޯޑް ޝޯއަށް އިންޑިއާގެ ސަތޭކައަށްވުރެ ގިނަ އެޖެންޓުން ޒިޔާރަތްކޮށްފައިވާ ކަމަށާއި މި ރޯޑް ޝޯގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށް އެމްއެމްޕީއާރްސީން މަޢުލޫމާތުދެއެވެ.މި ފަދަ ރޯޑް ޝޯ ތަކުގެ ސަބަބުން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖޭގައި ރިސޯޓާއި ހޮޓާ ހިންގާ ފަރާތްތަކާއި ސީދާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބްތައް ދައްކާގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތިނެއް ޕޮއިންޓް އަށެއް އިންސައްތަ ހިއްސާކުރަނީ އިންޑިއާ ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު އެގައުމުން ސާޅީސް ފަސް ހާސް ފަސްސަތޭކަ އަށްޑިހަ ހަތް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.