ވިޔަފާރި

މުދާ ކްލިއަރކޮށްދޭ ފަރާތްތަކުން ނާޖާއިޒް ފައިދާތައް ދަނީ ނަގަމުން- އެމް.ޓީ.ޔޫ


ދިވެހިރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކުގެ މުދާ ކްލިއަރކޮށްދޭ ފަރާތްތަކުން ނަޖާއިޒް ފައިދާ ނަގާކަމަށް ބުނެ، އެކަން ހުއްޓުވައިދިނުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން، އެމް.ޓީ.ޔޫއިން ގޮވާލައިފިއެވެ.

އެމްޓީޔޫއިން މިކަމާ ގުޅޭގޮތުން ނެރެފައިވާ ބަޔާނުގައި، މުދާ ކްލިއަރކޮށްދޭ ފްރައިޓް ފޯވާޑިން އޭޖެންޓުންނާއި އަދި ޝިޕިން ލައިންތަކުން، މުދާ އެތެރެކުރާ ފަރާތްތަކުގެ އަތުން މޯލްޑިވްސް ޕޯރޓްސްއަށް ދައްކަންޖެހޭކަމަށް ބުނެ ގިނަ އަދަދަކަށް ފައިސާ ނަގަމުންދާކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ޝިޕިން ލައިންތަކުން ނަގާ ޗާޖަކީ އެއް މިންވަރަކަށް ނަގަމުންދާ ޗާޖެއް ކަމަށް އެމްޓީޔޫއިން ބުނެއެވެ. އަދި ގިނަ އަދަދެއްގެ ވިޔަފާރިވެރިންތަކެއް ނާޖާއިޒު ފައިސާގެ މައްސަލަ އެމްޓީޔޫއަށް ހުށައަޅާކަމަށާއި މިކަމުގެ ޝަކުވާ އެ ޖަމުޢިއްޔާއިން ޓްރާންސްޕޯޓް އަދި އިކޮނޮމިކް މިނިސްޓްރީއާވެސް ހިއްސާކޮށްފައިވާކަމަށެވެ.

އެމްޓީޔޫގެ ނޫސްބަޔާނުގައި އިތުރަށް ނަގާ ޗާޖަކީ އެމްޕީއެލްގެ ހިދުމަތެއް ލަސްވެގެން ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިގެން ނަގާ ފައިސާއެއް ނޫންކަން އެމްޕީއެލްއިން ކަށަވަރުކޮށްދީފައިވާކަމަށެވެ.

އެމްޓީޔޫގެ ބަޔާނުގައި ރާއްޖޭގެ ޝިޕިންގ ދާއިރާ ކޮންޓްރޯލް ކުރަމުންދަނީ ސްރީލަންކާގެ ފަރާތްތަކުންކަމަށާއި މިކަން ހުއްޓުވައިދެވޭނީ ސަރުކާރަށްކަމަށް ބުނެފައިވެއެވެ.