ޚަބަރު

އެކްސިޑެންޓުގައި ޒަހަމްވި 18 އަހަރުގެ ކުއްޖާ ލަންކާއަށް ގެންދަނީ


އައްޑޫ ސިޓީގެ ހިތަދޫ ލިންކްރޯޑުގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަހަމްވި 18 އަހަރުގެ ފިރިހެން ކުއްޖާ ލަންކާއަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާއިލާ އާއި ހަވާލާދީ އައި ޖީ އެމް އެޗުން ބުނެފިއެވެ.އިއްޔެ އިރުއޮއްސުނު އިރު ހިނގި މި އެކްސިޑެންޓްގައި ޒަހަމް ވެފައިވަނީ ސޯޅަ އަހަރުގެ ފިރިހެން ކުއްޖަކާ، އަށާރަ އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން ސޯޅަ އަހަރުގެ އަންހެން ކުއްޖަކަށެވެ. އެތަނުން ސޯޅަ އަހަރުގެ ފިރިހެން ކުއްޖާ ރޭގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. އެ ކުއްޖާ ނިޔާވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީ ޔޫގައި ފަރުވާ ދެމުންދަނިކޮށެވެ.16 އަހަރުގެ އަންހެން ކުއްޖާވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު  މާލެ ގެނެސް އައި ޖީ އެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.ހިތަދޫ އައިސް ޑިލައިޓް ކައިރިން، ލިންކްރޯޑުގައި އެކްސިޑެންޓް ހިނގާފައިވަނީ އެމަގުގެ އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި ދެކުނުން އުތުރަށް ދުއްވާފައިދިޔަ ސައިކަލެއް ޖެހިގެންނެވެ.އެ ދެ ސައިކަލްވެސް ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި ކަމަށް ފުލުހުން ބުނެއެވެ.މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.