ޚަބަރު

ކިނޮޅަހުގެ ކައުންސިލަރަކު ނިޔާވެފައި އޮއްވާ ފެނިއްޖެ


މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހުގެ ކައުންސިލަރު އަބްދުލް މަޖީދު ހަޞަން ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. އޭނާ ނިޔާވެފައި އޮތީ ދިރިއުޅުއްވާ ގޭގެ ތެރޭގައެވެ.

ފުލުހުން ވިދާޅުވީ މިރޭ 19:45 ހާއިރު ކިނޮޅަހު މީހަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ނިޔާވެފައި ވަނީ އުމުރުން 48 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވާ ކައުންސިލް މެމްބަރު އަދި ކައުންސިލްގައި ދެވަނަ ދައުރު ފުރުއްވަމުން ގެންދަވާ މަޖީދު ނިޔާވިކަން އެނގުނީ ރޭގަނޑުގެ ފަރިއްކޮޅަށް ހާޒިރުނުވުމުން ކޮޓަރި ބެލުމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ކިނޮޅަހު ރައްޔިތަކު ވިދާޅުވީ ނިޔާވެފައި އޮއްވާ ފެނުނު މަޖީދުގެ ސިއްޚީ މައްސަލައެއް އުޅޭކަން އިނގޭ ކަމަށާއި ނަމަވެސް ބޮޑު ބައްޔެއް ހުންނަކަން އެނގިފައިނުވާ ކަމަށެވެ.

މަޖީދު ނިޔާވިއިރު އަނބިކަނބަލަކާއި ތިން ދަރިން ދުނިޔޭގައި ތިއްބެވިއިރު އެ ބޭފުޅުން ދިރިއުޅުއްވަނީ މާލޭގެ އެވެ.