ސިޔާސީ

ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކަށް ޕީޕީއެމް އާއި އެމްޓީޑީ ހާޒިރު ނުވޭ - އީސީ


އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކުގައި ޕީޕީއެމް އާއި އެމްޓީޑީ ބައިވެރިވެފައި ނުވާތީ އެ ދެ ޕާޓީން އަލުން ނަން ފޮނުވުމަށް އަންގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އީސީގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ ޤައުމީލަފާ ދޭ ކޮމިޓީން ބޭއްވި ބައްދަލުވުންތަކުގައި ޕީޕީއެމާއި އެމްޓީޑީން ބައިވެރި ނުވާ ކަމަށާއި އެ ބައްދަލުވުންތަކުގައި ބައިވެރިނުވާ ސަބަބުވެސް އަންގާފައިނުވާ ކަމަށެވެ.

އަކްރަމް ވިދާޅުވީ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކަށް އެ ދެ ޕާޓީގެ އެއްވެސް ބޭފުޅަކު ހާޒިރު ވެފައި ނުވާތީ އިތުރު ބޭފުޅެއްގެ ނަން ފޮނުވުމަށް އަންގާފައިވާ ކަމަށާއި އޭގެ އިތުރުން ޑީއާރުޕީގެ ފަރާތުން އެ ކޮމެޓީގައި ތަމްސީލު ކުރާނެ ބޭފުޅެއްގެ ނަމެއް ފޮނުވާފައި ނުވާތީ ނަން ފޮނުވައިދިނުމަށް ވެސް އެދިފައިވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުޞައިން މަނިކް ވިދާޅުވީ ޤައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުންތަކުގައި އެ ޕާޓީގެ ފަރާތުން ބައިވެރި ނުވެވުނީ އެ ކޮމިޓީއަށް ނަން ފޮނުވާފައިވާ ބޭފުޅާ މާލޭގައި ނެތުމުގެ ސަބަބުން ކަމަށާއި އެހެން ނަމަވެސް އިތުރު ބޭފުޅެއްގެ ނަން ފޮނުވުމުގެ ފުރުޞަތު ލިބުމުން ކޮމިޓީއަށް ފޮނުވާނެ ބޭފުޅަކާމެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ވަރަށް އަވަހަށް ވަކި ބޭފުޅެއްގެ ނަން ހަމަޖައްސާނެ ކަމަށެވެ.

އެމްޓީޑީއަށް ނިސްބަތްވާ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވީ ޤައުމީ ލަފާދޭ ކޮމިޓީއަށް އެ ޕާޓީގެ ފަރާތުން ނަން ފޮނުވާފައިވަނީ ޕާޓީގެ ސީނިއަރ ނާއިބު ރައީސް އިސްމާޢީލް އާސިފް ކަމަށާއި އެހެން ނަމަވެސް އެ ބޭފުޅާ އާލާސް ކަންފުޅާއި އުޅުއްވާތީ ބޭސް ފަރުވާއަކަށް ރާއްޖެއިން ބޭރުގައި ހުންނެވުމުން ހާޒިރު ނުވެވުނީ ކަމަށެވެ.

ޔާމީން ވިދާޅުވީ ޤައުމީ ލަފާދޭ ކޮމިޓީއަށް އިތުރު ބޭފުޅެއްގެ ނަން ފޮނުވަމަށް އެދި އީސީން ސިޓީ ފޮނުވާފައި ވަނީ މިއަދު ކަމަށާއި އެހެން ކަމުން އެޕާޓީގެ ފަރާތުން އެ ކޮމިޓީގައި ބައިވެރިވާނެ ފަރާތެއްގެ ގޮތުގައި ޕާޓީގެ ނާއިބް ރައީސް ސައިފްގެ ނަން ކަނޑައަޅާފައިވާ ކަމަށެވެ. އަދި މާދަމާ އީސީއަށް ނަން ފޮނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހުގެ އިންތިޚާބަށް އަމާޒުކޮށް ނެގި ލަފާދޭ ކޮމިޓީ އަކީ، މިހާތަނަށް އެންމެ އެއްބާރުލުން ލިބޭ ކޮމިޓީ ކަމަށާއި އިންތިޚާބާ ގުޅޭ ހުރިހާ ކަމެއްގައި ވެސް އެ ކޮމިޓީގެ މެމްބަރުންގެ ފުރިހަމަ ބައިވެރިވުން އޮންނަ ކަމަށް އީސީން ވިދާޅުވެއެވެ. އިންތިޚާބަށް ލަފާދޭ ކޮމިޓީއަކީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޓީއެކެވެ.