ތަރައްްޤީ

މާލޭގެ މަގުތަކުގެ ޓްރެފިކް ނިޝާންތައް އާކުރުމުގެ މަސައްކަތް އަލުން ފަށައިފި


މާލޭގެ މަގުތަކުގެ ޓްރެފިކް ނިޝާންތައް އައު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން އަލުން ފަށައިފިއެވެ.

މާލޭގެ މަގުތަކުގައި ފޮހެވިފައިހުރި ޓްރެފިކް ނިޝާންތައް އައު ކުރުމުގެ މަސައްކަތް މެދުކެނޑިފައި އޮތީ އެކަމަށް ބޭނުންވާ ދަވާދު ހުސްވެގެންކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ކުރިން ވިދާޅުވެފައެވެ. ނަމަވެސް އަލުން ދަވާދު ލިބުމާއެކު، މާލޭގެ އެކި ސަރަޙައްދުތަކުގައި ފޮހެވިފައިހުރި ޓްރެފިކް ނިޝާންތައް އައު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ޓްރެފިކް ނިޝާންތައް އައުކުރުމުގައި ސްކޫލްތަކާއި، އާއްމުން ގިނައިން ޚިދުމަތް ހޯދުމަށްދާ މުއައްސަސާތައް ހިމެނޭ ސަރަޙައްދުތަކަށް އިސްކަންދޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، މަގުތަކަކީ ހިނގާ މީހުންނަށާއި، ވެހިކަލްތަކަށްވެސް ރައްކާތެރި ތަންތަނަށް ހެދުމަށްޓަކާ މާލޭ ސިޓީ ކައުންސިލުން އަންނަނީ ތަފާތު މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެގޮތުން މާލޭގެ މަގުތަކުގައި ހުރި އަނޑިގުޑަންތައް ރަނގަޅުކުރުމާއި، ހަލާކުވެފައިވާ ކާނުތައް އައު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ޕާކުކުރުމުގެ މައްސަލަ ހައްލުކުރުމަށްޓަކާ ޕާކު ކުރާނެ ޖާގަ އިތުރު ކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.