ސިޔާސީ

"ސައިކްލޯން އިޑާއީ" ގައި ގެއްލުން ލިބުނު ޤައުމުތަކަށް ރައީސް ޙަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


"ސައިކްލޯން އިޑާއީ" ތޫފާނުގައި ގެއްލުން ލިބުނު ޤައުމުތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ހަމްދަރުރީގެ މެސެޖެއް ފޮނުއްވައިފިއެވެ.

މި ތޫފާނުގައި ގެއްލުން ލިބިފައިވާ ޤައުމުތަކުގެ ތެރޭހައި ޒިމްބާބްވޭއާ މަލާވީ އަދި މޮޒަންބިގު ހިމެނެއެވެ. މި ތޫފާނުގެ ސަބަބުން މިހާތަނަށް 270 މީހަކު ވަނީ މަރުވެފައެވެ. އަދި އެކި ފަރާތްތަކުގެ މުދަލަށާއި އިމާރާތްތަކަށް މި ތޫފާނުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެ ތިން ޤައުމުގެ ރައީސުންނަށް ރައީސް ޞާލިޙު ފޮނުއްވި މެސެޖުގައި ވަނީ، އެ ޙާދިޘާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތުގައި އެ ޤައުމު ތަކުގެ ރައްޔިތުން ދެއްކެވި ކެތްތެރިކަމާއި ސާބިތުކަމަށް ތަޢުރީފު ކުރައްވާފައެވެ.

އަދި، އެމަނިކުފާނު ފޮނުއްވި މެސެޖުގައި، މި ތިން ޤައުމަށް ކުރިމަތިވި ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެ ތިން ޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއިއެކު ހަމްދަރުދީ ފޮނުއްވައި، އެ ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.