ސިޔާސީ

ޖިއާންގެ މަރާގުޅިގެން ދައުވާކުރާ 6 މީހުންގެ ޝަރީއަތް މާދަމާ


ޑަބްލިއު ކޮންސްޓްރަކްޝަންސް ކުންފުނިން މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަ މީހުންގެ ޝަރީއަތް މާދަމާ ފަށަން ނިންމައިފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 9 އަހަރުގެ ރައުޝާން ޖިއާން މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު މަރުވެފައި ވަނީ ޑަބްލިއު ކޮންސްޓްރަކްޝަންސް ކުންފުނިން މާލޭގައި ޢިމާރާތް ކުރަމުންދިޔަ މ.ނަލަހިޔާ މަންޒިލްގެ ފަސްވަނަ ބުރިން ސިމެންތި ބަސްތާއެއް އެކުއްޖާގެ ބޮލަށްވެއްޓި ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށެވެ.

މި މައްސަލައިގާ ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑީއާގެ ހަތަރު ރައްޔިތަކާއި ދެ ދިވެހިންނެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.

މި މައްސަލައިގާ ދައުވާ އުފުލާފައިވާ ދިވެހިންނަކީ މާލެ ދަފްތަރު 8424 މޫސާ ހަސަނާއި ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގުގެ މައްޗަށެވެ. މި ދެމީހުންގެ ތެރެއިން މޫސާ ހަސަން އަކީ ޑަބްލިޔު ކޮންސްޓަރކްޝަންގެ ކޮމްޕެނީގެ ސީނިއަރ ސައިޓް ސްޕަވައިޒަރެވެ. އަދި އާދަމް ޝަފީޤަކީ އެ ކޮމްޕެނީ މެނޭޖިން ޑިރެކްޓަރެވެ. މި ދެ މީހުންގެ މައްޗަށް ކުރަނީ މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދަޢުވާއެވެ. މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.

ދެން މި މައްސަލާގައި ޝާމިލުވާ އިންޑިއާގެ ހަތަރު މީހުންނަށް ތިން ދަޢުވާއެއް ކުރެއެވެ. އޭގެތެރެއިން ދެ މީހަކަށް ކުރަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ދަޢުވާއެވެ. ދެން ކުރަނީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ދަޢުވާއާ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދަޢުވާއެވެ.

މި ހާދިސާއަށްފަހު ސަރުކާރުން ވަނީ އިމާރާތް ކުރުމުގެ ދާއިރާގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އަދި ޖިއާން މަރުގެ މައްސަލާގައި ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނި ވަނީ 500،000 ރުފިޔާއިން ޖޫރިމަނާވެސްކޮށްފައެވެ.