ޚަބަރު

ފިލިޕީންސްގައި ކުރި ތަމްރީނުތަކާމެދު ހިތްހަމަޖެހޭ - ކޯޗު


ފިލިފީންސްގައި ޒުވާން ގައުމީ ޓީމު ކުރި ތަމްރީނުތަކާމެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ކޯޗު ޕީޓަ ސެގަޓް ބުނެފި އެވެ.

އޭނާ މިހެން ބުނީ އޭޝިއަން ކަޕް ކޮލިފައިންފައި 23 އަހަރުން ދަށުގެ ޓީމު ވާދަކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

ގައުމީ ކޯޗުކަން ވެސް ކުރަމުން އަންނަ ކްރޮއޭޝިޔާގެ ކޯޗު ބުނީ އޭނާގެ ޓީމަށް މުބާރާތަށް ނުކުންނައިރު ދިމާވާނެ އެންމެ ބޮޑު ދަތިކަމަކަށްވާނީ ސައުދީ އަރަބިއާގެ މާހައުލަށް ހޭނިފައި ނެތުން ކަމަށެވެ. ސަބަބަކީ މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދީއާ ދެކޮޅަށް ކުޅެން ޖެހުން ކަމަށެވެ.

ނަމަވެސް ކޯޗު ބުނީ އެކަމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ފުރަތަމަ މެޗަށް ހުކުރު ދުވަހު ސައުދީއާ ދެކޮޅަށް ނުކުންނައިރު ވީއެންމެ ރަނގަޅަކަށް ތައްޔާރުވާނެ ކަމަށެވެ.

ކޮލިފައިންގައި ވާދަކުރާ ހަތަރު ގައުމުގެ ތެރެއިން މިވަގުތު ސައުދީ އަށް އައިސްފައިވަނީ ރާއްޖެ އެކަންޏެވެ. ޔޫއޭއީ ޓީމު މިއަދު އަންނަން ހަމަޖެހިފައިވާއިރު ލެބަނަން އަންނާނީ މާދަމާ އެވެ.