ޚަބަރު

ޓީޓީ ކުޅުމަށް ވަކިން ޙާއްސަ ތަނެއް ލިބުން މިއީ، މުބާރާތައް ކުރިޔަށްގެންދިޔުމަށް ލިބުނު ހިތްވަރެއް - ސުޖާއު


ޓީޓީ ކުޅުމަށް ވަކިން ޙާއްސަ ތަނެއް ލިބުން މިއީ މިއަހަރަށް ތާވަލްކޮށްފައި ހުރި މުބާރާތްތައް ކުރިޔަށްގެންދިޔުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ޓީޓީ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އިސްމާއިލް ސުޖާއު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ކުންފުއްޏެއްކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާއި ރާއްޖޭގެ ސަރުކާރުގެ އެހީއާއެކު މަރާމާތުކުރި ޓީޓީ އާ ހޯލު ހުޅުވުމަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ސުޖާއު ވިދާޅުވީ ޤައުމީ މުބާރާތްވެސް މިހާރު އޮތީ އެއް އަހަރު ފަހަތުގައި ކަމަށާއި، އެންމެ ފަހުން ނިމިގެންދިޔަ މުބާރާތަކީ މިދިޔަ އަހަރު ބާއްވަން ޖެހޭ މުބާރާތެއް ކަމަށެވެ.

ނަމަވެސް ވަކިން ޙާއްސަ ތަނެއް ޓީޓީ ކުޅުމަށް ލިބުމުން މިއަހަރުގެ ޤައުމީ މުބާރާތް މި އަހަރުގެ ތެރޭގައި ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް އިންޓަރ ސްކޫލް ޓީޓީ މުބާރާތައް ފަރިތަކުރުމަށްޓަކައި މި ހޯލު ހުރިހާ ސްކޫލްތަކަށްވެސް ހަމަހަމައަށް ދޫކުރާނެ ކަމަށް ސުޖާއު ސުޖާއު ވިދާޅުވިއެވެ.

"މި ހޯލުގެ ސަބަބުން މި އަހަރު ބާއްވަން ރާވާފައި ހުރި މުބާރާތްތައް ކުރިޔަށްގެންދަން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ. މިހާރުވެސް ޤައުމީ މުބާރާތް އޮތީ އެއް އަހަރު ފަހަތުގައި. މި ބަލަނީ މި ހޯލު ލިބުމުން މި އަހަރުގެ މުބާރާތްވެސް މިއަހަރުގެ ތެރޭގައި ބާއްވާ ނިންމާލެވޭނެކަމަށް" ސުޖާއު ވިދާޅުވިއެވެ

ރާއްޖޭގެ ގައުމީ ޓީމުގެ އުއްމީދީ ކުޅުންތެރިޔާ ރަފާ ނާޒިމް ބުނީ މިއީ އެތައް ދުވަހެއް ވަންދެން ކުރި އުއްމީދެއް ކަމަށާއި މީގެކުރިން ޕްރެކްޓިސް ކުރާނެ ތަނެއް ނެތުމުން ބޭރުގެ މުބާރާތްތަކަށް ރަނގަޅަށް ތައްޔާރުނުވެވޭ ކަމަށް،، ނަމަވެސް އާ ހޯލާއެކު ރަނގަޅަށް ތައްޔާރުވާން ވަގުތު ލިބޭނެ ކަމަށާއި މިއީ ބޭނުންތެރި ކަމެއް ކަމަށް ފާއިތުވި ދެ އަހަރުގެ ޤައުމީ ޗެމްޕިއަން ރަފާ ނާޒިމް ބުނި.

***********