ތަރައްްޤީ

މާލޭގެ ބަނދަރުތަކުގައި ތަފާތު އޮޑިދޯނިފަހަރަށް ބަނދަރުކުރެވޭނެ ސަރަހައްދުތައް ވަކި ކުރަނީ


މާލޭގެ ބަނދަރުތަކުގެ ތޮއްޖެހުން ކުޑަކޮށް، މާލެ އަންނަ އޮޑިދޯނި ފަހަރަށް ފަސޭހައިން ބަނދަރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެެވެ. އެގޮތުން މާލެ އަންނަ އެކި ކަހަލަ އުޅަނދުތަކަށް ވަކި ޚާއްޞަ ސަރަޙައްދުތަކެއް ބަނދަރުތަކުގައި ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

މާލޭގެ ބަނދަރުތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާލެ ސީޓީގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ، މިކަން ހައްލު ކުރުމުގެ ގޮތުން، މާލެ އަންނަ ބައެއް އޮޑިދޯނިފަހަރަށް މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލޭގައި ބަނދަރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށްޓަކައި ހުޅުމާލޭގެ ބަނދަރުން ވަކި ސަރަހައްދުތަކެއް މިކަމަށް ކަނޑައެޅުމަށްޓަކައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާއެކު މަޝްވަރާކުރަމުންދާކަމަށްވެސް ޝަމާއު ވިދާޅުވިއެވެ.

މީގެ އިތުރުން ބަނދަރުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ބާއްވާފައިހުރި އުޅަނދުފަހަރު ނެގުމުގެ މަސައްކަތްވެސް ފެށުމަށް ތައްޔާރުވަމުންދާކަމަށް ޝަމާޢު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މާލޭގެ މާރުކޭޓްތަށް ޒަމަނީކުރަމުންދާއިރު، މާލޭގެ ބަނދަރުތަކާއި ހާބަރުތަކުގެ ލޯޑުކުޑަކުރުމަށް މަސައްކަތްކުރަމުން މިދަނީ. މާލޭގެ މި މައްސަލަ ހައްލުކުރުމަށް މި ބަނދަރުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ބަނދަރުކޮށްފައިވާ އުޅަނދުތަށް ނެގުމުގެ މަސައްކަތްސް ކުރާނަން." ޝަމާއު ވިދާޅުވިއެވެ.

ޝަމާޢު ވިދާޅުވީ ބަނދަރުތަކުގެ ލޯޑު ކުޑަކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރުވެސް ހުޅުލޭ ފެރީތައް ހުޅުމާލޭ ފެރީ ޓާމިނަލުން ފުރާގޮތަށް ހަމަޖައްސާފައިވަ ކަމަށެވެ. އަދި އެކި ރަށްރަށުން މާލެ އަންނަ އަތޮޅު ފެރީތަކާއި އެކި ދޯނިފަހަރު ބަނދަރު ކުރާނެ ސަރަޙައްދުތަކެއްވެސް ކަނޑައެޅުމަށް ނިންމާފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ.

މީގެ އިތުރުން މާލޭ މަސްވެރިންގެ ޕާކް ސަރަހައްދުގައި ތަރައްޤީކުރުމަށް ރާވާފައިވާ ކްރޫސް ޓަރމިނަލަކީވެސް މި ޕްލޭންގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަން ޝަމާޢު ފާހަގަކުރެއްވިއެވެ.

"ބަނދަރުތަކަށް ލޯޑު ކުޑަކުރުމަށް ހުޅުލޭ ފެރީތަކަށް ޚާއްސަކޮށް ފެރީޓަރމިނަލް މިހާރު މިވަނީ ޤާއިމުކޮށްފައި. އަތޮޅު ފެރީތަކަށް ވަކި ސަރަހައްދެއް އަދި ތަފާތު އޮޑި ދޯނިފަހަރަށް ވަކިވަކި ސަރަހައްދުތަކެއް ކައިރިކުރުމަށާއި ބަނދަރުކުރުމަށް ދިނުމަށްވަނީ ހަމަޖެހިފައި" ޝަމާއު ވިދާޅުވިއެވެ.

ރާއްޖޭގެ އާބާދީގެ ބޮޑުބައެއް މާލޭގައި ދިރިއުޅެމުންދާއިރު، ތަފާތު އެކި ބޭނުންތަކުގައި މާލެ އަންނަ މީހުންގެ އަދަދުވެސް މަދެއް ނޫނެވެ. އަދި އެކިއެކި ބޭނުންތަކުގައި މާލެ އަންނަ އޮޑިދޯނިފަހަރު ގިނަވެފައިވާއިރު މާލޭގެ ބަނދަރުތައްވެސް ދަނީ ތޮއްޖެހެމުންނެވެ. އެހެންކަމުން މިކަމަށް އަވަސް ހައްލެއް ލިބުމަކީ އޮޑިވެރިންނަށާއި ދަތުރުކުރާ ފަރާތްތަކަށްވެސް ލިބިގެންދާނެ ވަރަށް ބޮޑޫ ފަސޭއައެކެވެ.