ޚަބަރު

ޚުޠުބާ އިޝާރާތުގެ ބަހުންވެސް ކިޔައިދޭން ފަށަނީ


އިވުމުން މަހުރޫމްވެފައިވާ މީހުންނަށް ޚުޠުބާގައި ކިޔާ ތަކެތި ދޭހަކޮށްދިނުމަށްޓަކައި މިސްކިތްތަކުގައި ޚުޠުބާ އިޝާރާތުގެ ބަހުން ކިޔައިދިނުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މި ސަރުކާރަކީ އިސްލާމީ ރިވެތި އުޞޫލުތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމުގައި މިސާލުދައްކާނެ ސަރުކާރެއްކަމަށެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ އިވުމުން މަޙްރޫމްވެފައިވާ މީހުންނަށް އެހެން މީހުންނެކޭ އެއްގޮތަށް ޚުޠުބާގައި ކިޔާ ތަކެތި ދޭހަކޮށްދިނުމަށްޓަކައި، މިސްކިތްތަކުގައި ޚުޠުބާ އިޝާރާތުގެ ބަހަށް ތަރުޖަމާކުރުމުގެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށެވެ. އަދި އިވުމުން މަޙްރޫމްވެފައިވާ ކުދިންނަށް ދީނީ ތަޢުލީމް އުނގަންނައިދިނުމަށްޓަކައި ކޮންމެ މަހަކު ސެޝަންތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އިވުމުން މަޙްރޫމްވެފައިވާ ކުދިންނަށް ޚާއްޞަކޮށްގެން ދީނީ ޢިލްމު އުނގަންނާދީ އިސްލާމީ ޢިލްމު ކިޔާދިނުމަށް ކޮންމެ މަހަކު ދެ ސެޝަނެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ. އަދި މި ސެޝަންތަކަށްފަހު އިވުމުން މަޙްރޫމްވެފައިވާ ކުދިންނަށް މިސްކިތުގައި ތިބެގެން ޚުޠުބާތައް ސައިން ލޭންގުއޭޖަށް ތަރުޖަމާކުރުމުގެ އިންތިޒާމުވެސް އަވަސްމުސްތަޤުބަލެއްގައި ހަމަޖެހިގެންދާނެ. މިއީ ހަމަގައިމުވެސް ވަރަށްވެސް އުފާވެރި ޚަބަރެއްކަން ޔަޤީން." މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޑެފް އެސޯސިއޭޝަންގެ މެމްބަރ މަރިޔަމް ޝަހުދާ ވިދާޅުވީ ޚުޠުބާ އިޝާރާތުގެ ބަހުން ތަރުޖަމާކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން ނިންމުމަކީ ލިބިގެންދިޔަ ބޮޑު އުފަލެއްކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި މިފަދަ އިތުރު ވަޞީލަތްތައް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ފަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިސްކިތުގައި ތިބެގެން ޚުޠުބާތައް ސައިން ލޭންގުއޭޖަށް ތަރުޖަމާކުރުމުގެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ އަޅުގަނޑުމެން އެކަމަކައްޓަކައި ވަރަށް އުފަކުރާކަމެއް. މިފަދަ އިތުރުކަންތައްތައް ކުރިއަށްއޮތްތަނުގައި ފެނިގެންދާނެކަމަށް އުންމީދުކުރަން." މަރިޔަމް ޝަހުދާ ވިދާޅުވިއެވެ.

މި ޖަލްސާގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.