ސިޔާސީ

ވޯޓުލާ މީހުންގެ އައިޑީ ކާޑުތައް މި މަހުގެ ނިޔަލަށް ނިންމަން އެދިއްޖެ


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކާއި މިމަހުގެ ނިޔަލަށް އައިޑީ ކާޑު ހަމަވާ ފަރާތްތައް އައިޑީ ކާޑު ހައްދާ ނިންމުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ޑީއެންއާރުން އެދިލައްވައިފިއެވެ.

އައިޑީ ކާޑް ޔުނިޓުން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށްޓަކައި ގިނަ ބަޔަކު އެއްފަހަރާ ފަހު ވަގުތު ކާޑް ހަދަން ހުށަހަޅައިފިނަމަ އެކަމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށާއި އެހެންކަމުން ރައްކާތެރި ގޮތަކީ ވަގުތު އޮއްވައި އަވަހަށް އައިޑީ ކާޑް ހައްދާ ނިންމާލުން ކަމަށެވެ.

އައިޑީ ކާޑް ޔުނިޓުން ވަނީ ގިނަ ފަރާތްތަކަކުން އައިޑީ ކާޑް ހެއްދެވުމަށްފަހު، އެ ކާޑްތައް ނުނަގައި ހުރިކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެ ކާޑްތައް އަވަހަށް ގެންދެވުމަށް ޑީއެންއާރުން ވަނީ އެދލިައްވާފައެވެ.

އެޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު އިލެކްޝަން ކޮމިޝަނުން ވަނީ ފައިނަލް ވޯޓަރސް ލިސްޓުވެސް ރޭ ޢާއްމުކޮށްފައެވެ.

އެ ކޮމިޝަނުން ވިދާޅުވެފައިވަނީ ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ދުއިސައްތަ ފަސްދޮޅަސް ހަތަރުހާސް ފަށްސަތޭކަ އަށްޑިހަނުވަ މީހުންނަށް ވޯޓުދިނުމުގެ ޙައްޤުލިބިފައިވާ ކަމަށެވެ. އަދި މުޅިން އަލަށް 2336 މީހުން މިއިންތިޚާބުގައި ވޯޓުލާނެ ކަމަށްވެސް އިލެކްޝަނުން ވިދާޅުވެއެވެ.

ވޯޓަރސް ލިސްޓް ޢާއްމުކޮށްފައިވަނީ މަޖިލިސް އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުން ހިމަނައިގެންނެވެ. މިފަހަރުގެ މަޖިލީހަށް ދެ ދާއިރާއެއް ވަނީ އިތުރުވެފައެވެ. އެއީ މައްޗަންގޯޅިއަށާއި ހެންވޭރަށެވެ. އެގޮތުން 87 މެންބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.