ވިޔަފާރި

ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް މިމަހު 25ގައި ފަށަނީ


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

ގްލޯބަލް މަނީ ވީކްއަކީ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މާލީ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ނެދަލެންޑްސްގެ ޗައިލްޑް އެންޑް ޔޫތް ފައިނޭންސް އިންޓަރނޭޝަނަލް ޖަމުޢިއްޔާއިން ކޮންމެ އަހަރެއްގެ ވެސް މާޗު މަހު ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ހަރަކާތެކެވެ.

ދުނިޔޭގެ 151 ޤައުމެއްގައި މި ހަރަކާތް ކުރިއަށްގެންދާއިރު 2014 އިން ފެށިގެން ރާއްޖޭގައި މި ހަފްތާ ފާހަގަކޮށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ މަރުކަޒީ ބޭންކް އެމްއެމްއޭއެވެ.

"މާލީ ފުރުސަތުތައް، ހަމަހަމަކަމާއިއެކު އެންމެނަށް" މި ޝިޢާރުގެ ދަށުން މާލޭގެ ހުރިހާ ސްކޫލަކާއި ތިން އަތޮޅެއްގެ ސްކޫލުތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގާނެކަމަށް އެމްއެމްއޭއިން ބުނެއެވެ. އެގޮތުން ގދ.ތިނަދޫ ލ.ފޮނަދޫ އަދި ހދ.ކުޅުދުއްފުށީގައި ގްލޯބަލް މަނީ ވީކް ކުރިއަށްދާނެއެވެ.

ޕިއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްއެމްއޭގެ މެނޭޖަރ އަސްނާ ހަމްދީ ވިދާޅުވީ ގްލޯބަލް ވީކްގެ މި ހަރަކާތުގެ ތެރެއިން ގިނަ ކަންތައްތައް ކުރުމަށް އެބޭންކުން ރާވާފައިވާކަމަށެވެ. އަދި މިހަރަކާތުގެ މަޤްސަދަކީ ގްލޯބަލް ވީކް މެދުވެރިކޮށް ރާއްޖޭގެ މާލީ ނިޒާމާއި ބެހޭ ފުރިހަމަ މަޢުލޫމާތު ޒުވާނުންނާއި ކިޔަވާ ކުދިންނަށް ފޯރުކޮށްދިނުންކަމަށް އަސްނާ ވިދާޅުވިއެވެ.

ގްލޯބަލް މަނީ ވީކް އޮންނާނީ މިމަހުގެ 25 އިން 31 އަށެވެ. ގްލޯބަލް މަނީ ވީކްގައި ދަރިވަރުންނަށް ޚާއްސަކޮށްގެން ތަފާތު ޕްރޮގްރާމު ރާވާފައިވައިރު ޒުވާނުންނަށް ވިޔަފާރީގައި ދިމާވާ ގޮންޖެހުންތަކާއި ކުދި އަދި މެދުފަންތީގެ ފަރާތްތަކަށް ދިމާވާ މައްސަލަތަކާއި ބެހޭގޮތުން ވާހަކަދެއްކުމަށް މާލޭގައި ޔޫތް އެންޓަރޕްރިނިއަރ ފޯރަމެއް ބާއްވަން ހަމަޖެހިފައިވާކަމަށް ވެސް އެމްއެމްއޭއިން ބުނެއެވެ.

ގްލޯބަލް މަނީ ވީކްއަކީ ޗައިލްޑް އެންޑް ޔޫތް ފައިނޭންސް އިންޓަރނޭޝަނަލްއިން 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތް ރާއްޖޭގައި ފާއިތުވި 6 އަހަރުވެސް ކުރިއަށްގެންގޮސްފައިވާއިރު، މިއަހަރުގެ ހަރަކާތް ކުލަގަދަވެގެންދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.