ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވެވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި، އެ މުއައްސަސާގެ އިސް އޮފިސަރުންނާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމާގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މީގެ ކުރިންވެސް ވަނީ ފުލުހުންގެ މުއައްސަސާގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒުން މިނިވަން ކުރެއްވުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގަތްފަހުން ފުލުހުންގެ މުއައްސަސާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާ ގާތުންދޭ ޚިދުމަތެއްކަމުގައި ހެއްދެވުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. އެގޮތުން ފުލުހުންގެ ނެއިބަރހުޑް ޕޮލިސް އޮފިސަރުންގެ ޚިދުމަތް ތަޢާރަފްކޮށް، ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ޝަކުވާތައް ހުށަހެޅޭނެ ހަރުދަނާ ނިޒާމެއް ވަނީ ޤާއިމުކުރައްވާފައެވެ.