ސިޔާސީ

އިތުރު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޖިލީހުގެ ރައީސްއާއި އިންޑިއާ ސަފީރު މަޝްވަރާކުރައްވައިފި


އިންޑިއާއިން ރާއްޖެއަށް ކުރިއަށް އޮތްތަނުގައި އެހީ ފޯރުކޮށްދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި އިންޑިއާ ސަފީރު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖީލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތަކާއި އަދި ކުރިއަށް އޮތްތަނުގައި އެހީ ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިންނާއި އިންޑިއާ ރައްޔިތުންނާ ދެމެދު އޮންނަ ޚާއްސަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އިންޑީއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ އާމީން ޢާންމު އަލްއުސްތާޛާ ފާތިމަތު ނިއުޝާއާއި ކައުންސަލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ ބައިވެރިވެވަޑައިގެންނެވިއެވެ.