ސިޔާސީ

2 މިލިޔަން ރުފިޔާގެ ބިލަކަށް 18 މިލިޔަން ދިން މައްސަލަ -


ދެ މިލިއަނެއްހާ ޑޮލަރު ސަރުކާރަށް ދައްކަން އޮތް ކުންފުންޏަކަށް އަށާރަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހްޤީޤްކުރުމަށް އޮޑިޓަރ ޖެނަރަލް ގޮވާލައްވައިފިއެވެ.އޮޑިޓަރ ޖެނަރަލް ހަސަން ޒިޔާތު މިހެން ވިދާޅުވެފައިވަނީ ހައުސިންގެ އެންޑް އެންވަޔަރަމަންޓް މިނިސްޓްރީގެ ދެހާސް އެގާރަވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައެވެ.މި ރިޕޯޓްގައިވާ ގޮތުން، މޯވޭ އަރުން އެކްސެލޯ ނަމަކަށް ކިޔާ ކުންފުންޏަކުން ދެހާސް އެގާރަވަނަ އަހަރު ހުށަހެޅި ދެ ބިލަކަށް އަށާރަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ. ނަމަވެސް މިދެ ބިލުގައި ހިމެނޭ މަސައްކަތްތަކަކީ އެކުންފުނިން ކޮށްފައިވާ މަސައްކަތެއްކަމެއް ޔަޤީންކުރެވެން ނެތްކަމަށް އޮޑިޓަރ ޖެނަރަލްގެ ރިޕޯޓްގައިވެއެވެ.އެހެންކަމުން މިކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ބިލްތަކަށް ފައިސާ ދޫކުރުމުގައި ހިޔާނާތާއި، ކޮރަޕްޝަން ހިމެނޭކަމަށް ފާހަގަކުރެވޭތީ، އޮޑިޓަރ ޖެނަރަލް މިމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިގެން ތަހްޤީޤްކުރުމަށް އޮޑިޓަރ ޖެނަރަލް ވިދާޅުވެފައިވެއެވެ.ސަރުކާރުން އަށާރަ މިލިއަން ރުފިޔާ ދޫކޮށްފައިވާ މޯވޭ އަރުން އެކްސެލޯ ކުންފުންޏަކީ، ލ ގަމުގައި ދުއިސައްތަ ސާޅީސްގެ އިމާރާތްކުރުމުގެ މަޝްރުއޫއާ ހަވާލުވެ، އެމަސައްކަތް ފުރިހަމަނުކޮށް ހުއްޓާލި ކުންފުންޏެވެ. އެކަމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދެމިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ސަރުކާރަށް ދެއްކުމަށް އެކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވެއެވެ. އަދި އެހުކުމަށް ދެހާސް ބާރަވަނަ އަހަރު ހައިކޯޓުންވެސް ތާއީދުކޮށްފައިވެއެވެ. މިފައިސާވެސް ހޯދުމަށް އޮޑިޓަރ ޖެނަރަލް ވަނީ ގޮވާލައްވާފައެވެ.