ތިމާވެށި

ތިމާވެށީގެ ދިރުންތައް ހިމާޔަތްކުރާ މުޢާހަދާއެއްގައި ބައިވެރިވުމަށް ކެބިނެޓުން ނިންމައިފި


ކަނޑާއި އެއްގަމާއި ވައިގެމަގުން އެއްތަނުން އަނެއް ތަނަށް ހިޖުރަކުރާ ދިރުންތަކާއި އެތަކެތީގެ މާޙައުލު ހިމާޔަތްކޮށް ރައްކާތެރިކޮށްދޭ މުއާޙަދާއެއްގައި ރާއްޖެއިން ބައިވެރިވުމާއި މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް)ގެ ތިމާވެއްޓާއި ގުޅުންހުރި ބައިނަލްއަޤްވާމީ މުއާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް، (ސީ.އެމް.އެސް)"ގައި ބައިވެރިވުމަށް ރައީސް ޞާލިޙު ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓުގެ ފަރާތުން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހުއެވެ.

ސީ.އެމް.އެސް ގެ ދަށުން ބަލަހައްޓާ ދިރުންތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ މިޔަރާއި، ވެލާކަހަނބާއި، ދޫންޏާއި، ކޯމަހާއި، ބޮޑުމަހާއި، މަޑީގެ ބާވަތްތައް ހިމެނެއެވެ.

ރައީސް އޮފީހުން ވިދާޅުވީ ސީ.އެމް.އެސް ގައި ދިވެހިރާއްޖެއިން ބައިވެރިވުމުން ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން ފެނުއަޑީގެ ދިރުމާއި އެއްގަމުގެ ދިރުމާއި ގުޅޭ ފައިދާތައް މި މުޢާހަދާގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ.

އަދި ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެންމެންގެ ބައިވެރިވުން ހާސިލްވުމަށް މަގުފަހިވެގެންދިޔުމާއި، ނޭޝަނަލް ބަޔޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން 2016އިން 2025ގެ ދަށުން އެކުލަވާލެވިފައިވާ ބައެއް އަމާޒުތައް ޙާޞިލްވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ. މީގެއިތުރުން މި ދިރުންތައް ހިމާޔަތްކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މައިގަނޑު އިޤްތިޞާދީ ސިނާއަތްތައް ކަމަށްވާ ފަތުރުވެރިކަމަށާއި މަސްވެރިކަމަށް ވެސް ގިނަގުނަ ފައިދާ ތަކެއް ކުރާނެއެވެ.

މި މުއާޙަދާގައި މިހާރުވެސް 127 ޤައުމަކުން ބައިވެރިވެ އަންނަނީ ޢަމަލުކުރަމުންނެވެ.