ރިޕޯޓް

ނިއުޒިލޭންޑުގެ މުސްލިމުންނާއެކު ދިވެހިން ތިބިކަން މާލޭގެ މަލަމަތިން!


އިސްލާމުންގެ އެއްބައިވަންތަކާއި ގުޅޭގޮތުން މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم މިސާލު ޖައްސަވާފައި ވަނީ އެއް ހަށިގަނޑުގެ މިސާލުންނެވެ. އަދި އެ ހަށިގަނޑުގެ އެންމެ ގުނަވަނެއްގައި ރިއްސި ނަމަވެސް މުޅި ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށް އޭގެ ވޭން ތަޙައްމަލު ކުރާނެ ކަމަށްވެސް ރަސޫލާ ހަދީޘް ކުރެއްވިއެވެ. ނަމަވެސް މިއަދުގެ އިސްލާމީ ދުނިޔެއިން މި މާތް އަޚްލާގު އިސްލާމީ އެއްވެސް ޤައުމަކުން ނުފެނެއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގެ މުސްލިމުން އުޅޭ ޙާލު އަންދާޒާ ކޮށްލަމާ ހިނގާށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ހަނގުރާމަތައް ކުރަމުން އަންނައިރު ދުވާލެއް ނިމިގެންދާއިރު އެތައް ސަތޭކަ މުސްލިމުންނެއް އަންނަނީ މަރަމުންނެވެ. އެ މީހުންގެ ކުށަކީ މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތު ކޮށްެގެން ތިބުމެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައިގެން އުޅަމަކީ ޔަހޫދީން ޤަބޫލުކުރާ ގޮތުގައި އެމީހަކު މަރަންޖެހޭ ވަރުގެ ބޮޑު ކުށެކެވެ. ކުށެއް ނެތް އެތައް މުސްލިމުންނެއް މަރަމުން އަންނައިރު އެކި ޤައުމުތަކުގައި އުޅޭ އަޅުގަނޑުމެންގެ މުސްލިމު އަޚުންނާއި އުޚުތުން ދިރިއުޅޭ އެކި ސަހަރުތަކުގައި އެތައް އެތައް ދުއްތުރާލެއް ޔަހޫދީން އަންނަނީ ކުރަމުންނެވެ. މިކަމަށް އަޑު އުފުލާ ވަކާލާތު ކުރަމުން ދަނީ ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ތެރެއިން މަދު ޤައުމަކުންނެވެ.

ދުނިޔޭގެ އިސްލާމީ ބޮޑެތި ބާރުތައް އޮތް އިރު މިއިން އެއްވެސް ކަމަކާއި އެބައިމީހުން އަޅާނުލައި ހުރުމުން އެ ޤައުމުތަކަށް އެތައް ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެތައް ބަޔަކު އެކަމާ ދެކޮޅަށް އަޑު އުފުލަމުން އަންނައިރުވެސް މި ދެންނެވި ބޮޑެތި އިސްލާމީ ބާރުތަކުން އަޅާވެސް ނުލައެވެ. "ކަހާތަން ހިރުވާވެސް" ނުލައި ފަދައެވެ. އެހެނެއް ކަމަކު ފެންނަމުން ދަނީ ނިކަމެތި މުސްލިމުން ޤަތުލު ކުރުމަށް ގޮވާލައި ދުނިޔޭގެ ބޮޑެތި ބާރުތަކާއި އެކުވެ މަސައްކަތް ކުރަމުންދާތަނެވެ.

ނަމަވެސް ހަތަރުލައްކަ މީހުންގެ އާބާދީއެއް އޮންނަ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ މިފަދަ ޤައުމުތަކާއި މުޅިންވެސް ތަފާތުކޮށް މަސައްކަތް ކުރާ ޤައުމެކެވެ. އެތައް ފަހަރަކު ވަނީ ތަފާތު ދައްކާ ދުނިޔޭގެ އެހެން އިސްލާމީ ޤައުމުތަކަށް ރިވެތި މިސާލު ދައްކުވާފައެވެ. އެގޮތުން ފަލަސްތީނުގެ ޤުދުޞް ފަންޑާއި ޤައްޒާ ޓެލެތޯނާއި ބޮސްނިިއާ ފަންޑާއި ރޮހިންގޔާ ފަންޑަކީ މިފަދަ ބައެއް މިސާލުތަކެވެ.

އަނެއްކާވެސް ދިވެހި ޤައުމު މިވަނީ މިފަދަ އެތައް މުސްލިމުންތަކަކާއި އެކު ތިބިކަން ދައްކުވައިދީފައެވެ.

މިދިޔަ ހުކުރު ދުވަހު ނިއު ޒީލަންޑުގެ ކްރައިސްޓްޗާޗު ގައި ހުންނަ ދެ މިސްކިތަކަށް ވަނީ އެންމެ މީހަކު ވެގެން ޓެރަރިސްޓު ޙަމަލާއެއް އަޅުގަނޑުމެންގެ އެތައް މުސްލިމު އަޚުންނާއި އުޚުތުންތަކެއް ރަހުމުކުޑަ ގޮތަކަށް މަރާލައިފައެވެ. އެ ޙަމަލާގައި 50 މީހަކު މަރާލައިފައިވާއިރު ޒަޚަމްތަކާއި އެކު އެތައް ބަޔަކު ވަނީ ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްފައެވެ. އޭގެތެރެއިން ބައެއް މީހުންގެ ޙާލަތު ވަރަށް ދެރައެވެ. ނިސްބަތުން ނިއުޒިލޭންޑުގައި މުސްލިމުންގެ އާބާދީ ވަރަށްވެސް މަދެވެ. 4.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒިލޭންޑުގައި މުސްލިމުން އެ ޤައުމުގައި މުސްލިމުންގެ އާބާދީއަކީ ގާތްގަނޑަކަށް ފަންސާސްހާހެވެ. އިންސައްތައިން ބަލާނަމަ ނިއުޒިލޭންޑުގެ މުސްލިމް އާބާދީއަކީ އެންމެ އިންސައްތަ އެކެވެ.

މަޑުމައިތިރިކަމާއި ނިޔަނެތިކަމާއި އެކު ހިތްނިޔަތް ޚާލިސް ކޮށްެގެން ހުރެމެ، މާތްﷲ އަށް ކުއްތަންވެ ފަރުޞު ނަމާދު ކުރުމަށް ތިއްބާ ކުށެއް ނެތް އެތައް މުސްލިމުންނެއް މަރާލުމުން މުސްލިމު އެކި ޤައުމުތަކުން އަންނަނީ މުސްލިމު އުއްމަތް އެކަތިގަނޑަކަށް ވުމަށް ގޮވާލައިފައެވެ. އަދި އެފަދަ ނުރައްކާތެރި ހަމަލާތައް ކުށްވެރިކޮށް އެކަމުގައި ބައިވެރިވި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ބައެއް ޤައުމުތަކުން ވަނީ ގޮވާލައިފައެވެ.

މި ޙަމަލާއާ ގުޅިގެން ދިވެހި ޤައުމީ ދިފާޢީ ބާރުގެ މައި މަރުކަޒުގެ ބޭރު ފާރުގައި ހަރުކޮށްފައި ލެޑް ޕެނަލުގައި ވަނީ ހުދު ކުލައިގެ ފަތެއް ދައްކުވައިދީފައެވެ. މި ފަތުން ރަމްޒު ކޮށްދެނީ ނިއުޒިލޭންޑުގައި ދިން މި ޙަމަލާގައި މަރުވި މުސްލިމުންނާއި އެކު ދިވެހި ރައްޔިތުން ތިބި ކަމެވެ. ޚާއްސަގޮތެއްގައި މި ޓެރަރިސްޓު ޙަމަލާ ދިވެހި ރައްޔިތުން ކުށްވެރި ކުރާ ކަމެވެ.

މި ފޮޓާއާ އެކު ނޭޝަނަލް ކައުންޓަރ ޓެރަރިޒަމުން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޓެރަރިޒަމް އަކީ ވަކި ދީނެއް ވަކި ކުލައެއް އަދި ގައުމެއް ވެސް ނޫން ކަމަށެވެ. އަދި މިއަދު ދިވެހި އެންމެހާ ރައްޔިތުން ތިބީ ނިއުޒިލެންޑުގައި ދިން ޓެރަރިސްޓު ހަމަލާގައި މަރުވި އަހަރެމެންގެ މުސްލިމު އަހުންނާއި އުހުތުންނާއެކު ކަމަށްވެސް އެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިއީ ދިވެހިންގެ ރީތި އާދައެކެވެ. އަހަރެމެން އެންމެންނަކީ މުސްލިމުން ކަމަށްވާއިރު އެންމެ މުސްލިމަކަށްވެސް ދެރަ ނިކަމެތި ގޮތެއް ވެއްޖެ ނަމަ އަބަދުވެސް ދިވެހިން އެ މީހަކާއި ނުވަތަ އެ ޤައުމަކާއި އެކުވާނެއެވެ. ކޮންމެ ސަރުކާރެއް އޮތް ކަމުގައިވިއަސް ފެންނަނީ މިފަދަ ޙަމަލާތައް ކުށްވެރިކުރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެވާ ތަނެވެ.

މި ލެޑު ޕެނަލުގެ ތިރީގައި ލިޔެފައިވާ ފަދައިން އަހަރެމެން ހުރިހާ އެންމެނަކީ މާތްﷲއަށް މިލްކުވެވޮޑިންގެންވާ ބައެކެވެ. އަދި އަހަރެމެން އެނބުރި ދާނީވެސް އެކަނލާގެ ހަޟްރަތަށެވެ.