ޓުއަރިޒަމް

އޭޝިޔާ ސަރަހައްދުގެ އެންމެ ހިތްފަސޭހަ ގޮނޑުދޮށަކަށް ރާއްޖޭގެ ގޮނޑުދޮށް


މޮސްކޯ އިންޓަނޭޝަނަލް ޓްރޭވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަންގެ ތެރެއިން ހޮވި އޭޝިޔާ ސަރަހައްދުގެ އެންމެ ހިތްފަސޭހަ ގޮނޑުދޮށަކަށް ރާއްޖޭގެ ގޮނޑުދޮށްތައް ހޮވިއްޖެއެވެ.

މޮސްކޯ އިންޓަނޭޝަނަލް ޓްރޭވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަނަކީ މިމަހުގެ 12 އިން 14 އަށް ރަޝިޔާގެ މޮސްކޯގައި ކުރިއަށްދިޔަ ފަތުރުވެރިކަމާ ގުޅޭ ފެއަރއެކެވެ. މި ފެއަރގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީ އާއިއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 19 ކުންފުންޏަކުން 34 ފަރާތަކުން ބައިވެރިވިއެވެ.

މި ފެއާ އާއި ގުޅޭގޮތުން އެމްއެމްޕީއާރުސީން ބުނީ މި ފެއާރގައި ދިވެހިރާއްޖޭގެ ސްޓޭންޑު ފަރުމާކޮށްފައިވާނީވެސް ދިވެހިރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށްކަމަށެވެ.

މި ފެއަރގެ ތެރެއިން ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ރަޝިއާ މާކެޓްގައި ހަރަކާތްތެރިވާ އިންޑަސްޓްރީގެ އިސް ބޭފުޅުންނާ، އެޤައުމުގެ އެންމެ މަގުބޫލު މީޑިޔާތަކާއިއެކު ވަނީ ހަރަކާތްތައް ކުރިއަށްގެންގޮސްފައެވެ. އަދި ރަޝިޔާއާއި ދިވެހިރާއްޖެއާއި ދޭތެރޭ ދަތުރުކުރާ ބޮޑެތި އެއާރލައިންތަކާ ބައްދަލުކޮށްފައިވާކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމް.އެމް.ޕީ.އާރު.ސީން ބުނީ، މިދިޔަ އަހަރު މިފެއާގައި، ދުނިޔޭގެ އެކި ޤައުމުތަކުން ބާވީސް ހާހަށްވުރެ ގިނަ އިންޑަސްޓްރީ ޕްރޮފެޝަނަލްސް ބައިވެރިވެފައިވާކަމަށެވެ. ކޮންމެ އަހަރަކުވެސް ދުނިޔޭގެ 200 އަށް ވުރެ ގިނަ ޤައުމަކުން، އަށާރަ ސަތޭކައަށްވުރެ ގިނަ ކުންފުނިން މި ފެއާގައި ބައިވެރިވެއެވެ.

ރަޝިއާ މާކެޓަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް މުހިއްމު މާކެޓެކެވެ. މިދިޔަ އަހަރު ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ސާދަ ޕޮއިންޓް ފަހެއް އިންސައްތަ އިތުރުވެފައެވެ.