ޚަބަރު

ނެދަލޭންޑްސްގެ ރޭލެއްގެ ތެރޭގައި ދިން ބަޑީގެ ހަމަލާއެއްގައި ތިން މީހުން މަރުވެއްޖެ


ނެދަލޭންޑްސްގެ ރޭލެއްގެ ތެރޭގައި ދިން ބަޑީގެ ހަމަލާއެއްގައި ތިން މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ. ނެދަލޭންޑްސްގެ ފުލުހުން ބުނީ އެހާދިސާ ހިނގީ ހޯމަދުވަހުގެ ހެނދުނު ދިހަގަޑި ސާޅީސް ފަހެއްގައި ކަމަށާއި، އެ ވަގުތު ރޭލު ދަތުރުކުރަމުން ދިޔައީ އުޓަރެހްޓް ސަރަހައްދުގައި ކަމަށެވެ.

އަދި ރޭލު އުޓަރެހްޓްގެ ސްޓޭޝަނަކަށް ހުއްޓާލި ވަގުތު، ބަޑި ހިފައިގެންހުރި މީހާ ފިލައިގެން ގޮސްފައިވާކަމަށް ރޭލުގައި ތިބި މީހުން ބުނެއެވެ. ނެދަލޭންޑްސްގެ ފުލުހުން މި ޙާދިސާ ތަޙުޤީޤުކުރަން ފަށާފައިވާއިރު ފުލުހުންގެ މަސްއޫލުވެރިއަކު ވިދާޅުވީ، ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭފަދަ ކަންތައްތަކެއް އެ ޙަމަލާތަކުން ފެނުނުކަމަށެވެ. ބަޑިން ހަމަލާދިން ހަތިޔާރު އެޅި މީހާއާ ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ފުލުހުން މިހާރު ގެންދަނީ އެ ސަރަހައްދު ބަންދުކުރުމަށްފަހު، ހަތިޔާރު އެޅި މީހާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އަދި ރޭލުގައި ދިން ބަޑީގެ ޙަމަލާތަކުގައި މަރުވި މީހުންގެ ހަށިތަކާއި ޒަޚަމްވި މީހުން ކުއްލި ޙާލަތުގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ޙަމަލާއަށްފަހު ނެދަލޭންސްއިން ވަނީ، އެ ގައުމުގެ އެއާޕޯޓްތަކާއި ރޭލްވޭ ސްޓޭޝަންތަކާއި ބަސް ސްޓޭޝަންތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.