ސިޔާސީ

ޤާނޫނަށް އިސްލާހު ގެނައީ ނަޝީދަށް އަމާޒު ކޮށެއް ނޫން- މިނިސްޓަރ


ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ގެނައި އިސްލާހެއް ކަމަށް ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށާއި އެއީ ކުށްވެރިންނަށް އަމާޒުކޮށްގެން ރައްޔިތުންގެ މަޖިލީހަށް މީގެ އަހަރެއްހާ ދުވަސްކުރިން ހުށަހެޅިފައި އޮތް އިސްލާހެއް ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އެމް.ބީ.ސީ ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، އިސްލާހް ހުށަހެޅުނު މައިގަނޑު މަގްސަދަކަށް ވެފައި އޮތީ ކުށެއްގެ ތުޙުމަތުގައި ނުވަތަ ކުށެއްގެ ބަންދުގައި ހުންނަ މީހަކަށް އާންމު މީހަކަށް ލިބިދޭފަދަ ހައްޤުތައް ނުލިބޭނެ ގޮތް ހެދުންކަމަށެވެ. އަދި ކުށްކުށަށް އަރައިގަންނަ މީހުންގެ ބައެއް ހައްޤުތައް ހިފެހެއްޓެންޖެހޭ ދެކިގެންކަމަށެވެ.ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގައި ބައިވެރިވުމާއި އެފަދަ ތަންތަނުގެ އިސް މަގާމުތައް ފުރުން މަނާކުރާ ގޮތަށް، ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ އިއްޔެއެވެ.ޕެރޯލުގެ ޤާނޫނަށް ގެނެވުނު އިސްލާހުގައިވާ ގޮތުން ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުމުގެ އިތުރުން، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ޖަލުގައި ބަންދުކުރެވިފައިވާ ހުންނަ މުއްދަތުގައި ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަކަށް ލިބިގެނެއް ނުވެއެވެ.މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ތޭރަ އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުމަށްޓަކާ، ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށެވެ. އެގޮތުން ނަޝީދު ބެހެއްޓުމަށްޓަކައި މާފުށީ ޖަލުގައި ވަކިން އިމާރަތްކުރާ އެއް ކޮޓަރީގެ އެޕާޓްމަންޓް އިމާރާތްކުރުމުގެ މަސައްކަތް ނިމި، އެތަނަށް ބޭނުންވާ ފަރުނީޗަރު ހޯދުމުގެ މަސައްކަތް ކުރައްވަމުންދާކަމަށާއި، އަމާޒަކީ ކުރިއަށް އޮތް ހަފުތާ ބަންދުގެ ތެރޭގައި ރައީސް ނަޝީދު މާފުށީ ޖަލަށް ބަދަލުކުރުމުގެ އިންތިޒާމް ހަމަޖެހިގެންދިއުން ކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.ހަމައެހެންމެ ޖަލުގައި ނަޝީދާއި ދެކޮޅު ބައެއް ގައިދީން ތިބުމާއިއެކު، އެމަނިކުފާނަށް ބޭނުންވާ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަރެކްޝަނަލް ސަރވިސަސްއަށް އަންގަވާފައިވާ ކަމަށާއި، ނަޝީދު ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ސަލާމަތީގޮތުން ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާކަމަށްވެސް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.