ޚަބަރު

ފުލުހުންގެ އައު ސްޓްރެޓީޖިކް ޕްލޭނަކީ ބޮޑެތި ކުއްތައް ހުއްޓުވާނެ ޤައުމީ މަސައްކަތެއް - ހޯމް މިނިސްޓަރު


ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ފުލުހުންގެ މުއައްސަސާ އިޞްލާޙުކުރުމުގެ މަސައްކަތުގެ ތެރެއިން
ކުރިއަށް އޮތް ފަސް އަހަރަށް ތައްޔާރުކުރާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކަށައެޅި ނިމިގެންދާއިރު ރާއްޖޭގައި މިހާރު ކުރާ ބޮޑެތި ހުރިހައިކުއްތައް ހުއްޓުވޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ފަސް އަހަރަށް އަމާޒުކޮށްގެން ތައްޔާރުކުރާ ފުލުހުންގެ އައު ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމަށް ބޭއްވި ސިމްޕޯޒިއަމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިޞްލާޙުކުރުމުގެ އެޖެންޑާގެތެރެއިން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކަށައެޅި ނިމިގެންދާއިރު ރައްޔިތުންނަށް އުފާވެރިކަން ލިބިގެންދާނެ ކަމަށާއި އޭގެ ސަބަބުން ފުލުހުންގެ މުއައްސަސާއާމެދު ރައްޔިތުންގެ މެދުގައިވާ ނުތަނަވަސްކަން ފިލައިގެންދާނެ ކަމަށެވެ.

މިޕްލޭން އެކަށައެޅި ނިމިގެންދާއިރު މިއަދު ރާއްޖޭގައި އިތުރުވަމުން އަންނަ ބޮޑެތި ހުރިހައި ކުއްތައް ހައްލު ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ބޮޑެތި މާރާމާރީތަކާއި ރައްޔިތުންގެ މުދަލާއި ފުރާނައަށް ގެއްލުން ދެނިވި ކުއްތަކުން މުޖުތަމައު ސަލާމަތްކޮށްދެނިވި ހެޔޮލަފާ ރަނގަޅު މިންގަނޑުތަކެއް ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި އެކުލެވިގެންވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ޕްލޭން އެކަށައެޅި ނިމިގެންދާއިރު، މިއަދު އިތުރުވަމުން އަންނަ މާރާމާރީތައް. ރައްޔިތުންގެ މުދަލާއި ފުރާނައަށް ގެއްލުން ދިނުމުގެ ކުއްތަކުން މުޖުތަމައު ސަލާމަތްވެވޭނެ ރަނގަޅު މިންގަނޑުތަކެއް މި ޕްލޭންގެ ތެރޭގައި ހިމެނިގެންދާނެ." އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ވައްކަމާއި ފޭރުމަކީ ފަހަކަށްއައިސް ރާއްޖޭގައި އިންތިހާއަށް އިތުރުވެފައިވާ ބޮޑެތި ކުއްތައްކަމަށާއި އެއީ ކެނޑިނޭޅި މަސައްކަތްކުރާއިރުވެސް ހުއްޓުމެއް އައިސްފައިނުވާ ކުއްތަކެއް ކަމަށެވެ. އަދި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވަބާ ފެތުރިގެންދާހިނދު އެވަބާއަށްވެސް ހައްލެއް ހޯދުމަށް މި ޕްލޭންގެ ތެރެއިން ފުލުހުންނަށް މަގުދައްކައިދޭކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ވައްކަމާއި ފޭރުމަކީ ފަހަކަށް އައިސް އިންތިހާއަށް އިތުރުވެފައިވާ ކަންކަމުގައިވާއިރު، މިކަންކަމަށް ހައްލެއް ގެނައުމަށް ފުލުހުންނަށް ރަނގަޅަށް މަގު ދައްކައިދޭ. ހަމައެހެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވަބާ ރާއްޖެއިން ނައްތާލުމަށް އެހީތެރިވެދޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވަނީ ފުލުހުންގެ އިދާރާއިން އެކުލަވާލި ޕްލޭން ހަދާފައިވަނީ އެތައް ބައެއްގެ ބައިވެރިވުން އޮވެގެންކަމަށްވާތީ އެއީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެހެން ކަމުން އެ ޕްލޭން ތަންފީޒްކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.