ޚަބަރު

"ހަވަލި" ފެއަރއަށް ރައީސް ޞާލިޙް ޒިޔާރަތް ކުރައްވައިފި


ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުވުމުގެ ގޮތުން ބާއްވާ "ހަވަލި" ފެއަރއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ޒިޔާރަތް ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ގުޅިގެން މި މަހުގެ 16އިން މިއަދުގެ ނިޔަލަށް ގެންދާ މި ފެއަރއަކީ ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަށް ގުޅުވައިދިނުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ ފެއަރއެކެވެ.

މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ބާއްވާ މި ފެއަރގައި ވ.އަތޮޅު ފިޔަވައި ރާއްޖޭގެ ހުރިހައި އަތޮޅެއްގެ މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން 100 އަށްވުރެ ގިނަ ޖަމްޢިއްޔާއިން ބައިވެރިވެއެވެ.

އެކިދާއިރާތަކުން މަސައްކަތްކުރާ ޖަމްޢިއްޔާތައް ގުޅުން ބަދަހިކުރުވުމާ ގުޅިގެން މަސައްކަތްކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމާއި، ވިޔަފާރިވެރިންނާއި އެހިދޭ ފަރާތްތަކާ ގުޅުވައިދިނުމާއި، ދަރުމަވެރިން އިތުރުކުރުމާއި، ޖަމްޢިއްޔާތަކާ މީޑިއާތަކާދެމެދު ގުޅުން ޤާއިމުކުރުންވެސް މިފެއަރގައި ކުރިއަށްދިޔަ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

މަދަނީ ޖަމްޢިއްޔާތަކަށް ޚާއްޞަކޮށްގެން ފެއަރއެއް ބޭއްވުމަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.