ސިޔާސީ

ރައީސް ޞާލިޙުގެ އަރިހަށް އިންޑިޔާގެ ޚާރިޖީ ވަޒީރު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަރިހަށް އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ސުޝްމާ ސުވަރާޖް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވެސް ވަނީ ރާއްޖޭއާއި އިންޑިޔާގެ ޒަމާންވީ ގާތް ގުޅުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދެ ޤައުމުން އިސްކަން ދޭ ކަންކަމުގައި އެކީގައި ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އެކަމަނާގެ އަރިހުގައި އިންޑިޔާ ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފްދެއް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި، މި ވަފްދުގެ ބޭފުޅުން ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ވެސް ބައްދަލުކުރައްވައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާމެދު މަޝްވަރާކުރައްވާފައެވެ.

އަދި ދެޤައުމުގެ ދެމެދުގައި މިހާރު އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ކުރިއަށް އޮތްތަނުގައި އެކުލަވާލުމަށް ދެޤައުމުން ގަސްތުކުރާ އެއްބަސްވުންތަކާއި ބެހޭގޮތުން ސުޝްމާ ސްވަރާޖުގެ މި ދަތުރުފުޅުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެވަޑައިގެންނެވި ބޭރު ޤައުމެއްގެ ފުރަތަމަ ޚާރިޖީ ވަޒީރެވެ.