ސިޔާސީ

އިތުބާރު ނެތް މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ލަފާ ހޯދަން ނިންމައިފި


ސަރުކާރުގެ އިސް މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ މަޤާމު ގެއްލޭގޮތަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި އިސްލާހަށް ވޯޓަށް އެހުމުގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ނިންމަވައިފިއެވެ.

އެގޮތަށް ނިންމެވިކަން އިއުލާން ކުރައްވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ގާސިމް އިބްރާހިމް ވިދާޅުވީ އާންމު ކޮމިޓީން ގަވައިދަށް ގެނައި އިސްލާހަށް ވޯޓަށް އެހުން މަޑުޖައްސާލުމަށް އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ނިންމީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުން އެގޮތަށް އެދިވަޑައިގެންނެވުމުން ކަމަށެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ގޮތަށް ގަވާއިދު ބަދަލުކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީގައި ދިރާސާ ކުރެއްވި ގަވާއިދުގައި ވަނީ މިނިސްޓަރުންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރެއްގެ އިތުބާރު ނެތް ކަމަށް ފާސް ކޮށްފިނަމަ އެ މީހެއްގެ މަގާމު ވަގުތުން ގެއްލި، އެ ހިނދުން ފެށިގެން މަގާމުން ވަކިވާނެ ކަމަށެވެ.

މި އިސްލާހުގައި ވަނީ ފަނޑިޔާރުންނާއި ދައުލަތުގެ ވަޒީރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ އެވަގުތުން ފެށިގެން އެމީހަކު މަޤާމުން ވަކިވާނެ ކަމަށެވެ. ނަމަވެސް އިތުބާރު ނެތް މައްސަލައެއްގައި ފަނޑިޔާރަކު މަޤާމުން ވަކި ކުރެވޭނީ ތިން ބައިކުޅަ ދެބައި މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް އިޞްލާޙުގައި ބުނެފައިވެއެވެ.

މިއިސްލާހަކީ އިތުބާރުނެތްކަމުގެ މައްސަލަތަކާ ބެހޭގޮތުން 2017 ވަނަ އަހަރު ސުޕްރީމް ކޯޓުންކުރި ޙުކުމުގައި އޮތް ގައިޑްލައިނަކާ އެއްގޮތަށް ހުށަހެޅި އިސްލާޙެއްކަމަށް މިއިސްލާޙް ހުށަހެޅުއްވި ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ސިޔާސީ ބޭނުމަކަށް އިތުބާރު ނެތް ކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އެފަދަ ވޯޓެއް ނަގަންވާނީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ކަމަށެވެ. އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި ނަމަވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށާއި އެގޮތަށް ނިންމުމުން ސުޕްރީމް ކޯޓުގެ ހުކުމަށް މަޖިލީހުން ތަބާވާން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވަނީ ވިދާޅުވެފައެވެ.

އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދާނެ އުސޫލެއް މަޖިލީހުގެ ޢާންމުކޮމެޓީން ފާސްކޮށްފައި މިވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް، އެމައްސަލަ ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ޤަވާއިދަށް އިސްލާޙު ގެނެސްގެންކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.