ވިޔަފާރި

"ދަނޑުވެރި ނަފާ"ގެ ދަށުން ލޯނުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި


"ދަނޑުވެރި ނަފާ"ގެ ދަށުން ލޯންތަކަށް އެދުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރ އިން ހުޅުވައިފިއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން، އެސްއެމްއީ ބޭންކުގެ ޚިދުމަތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައިވާއިރު މި ބޭންކްގެ ދަށުން ހަތަރު ލޯނަކަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓޫރިޒަމްގެ ދާއިރާއާއި ދަނޑުވެރިކަމާއި އުފެއްދުންތެރިކަމާއި ގުޅޭ ވިޔަފާރިތަކާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއެވެ. މީގެ ތެރެއިން ދަނޑުވެރިކަން ކުރިއެރުވުމަށް "ދަނޑުވެރި ނަފާ"ގެ ނަމުގައި ލޯން ސްކީމެއް ތަޢާރަފްކޮށްފައިވާއިރު ފިޝަރީސް މިނިސްޓްރީން މިހާރު ވަނީ މި ލޯންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ފިޝަރީސް މިނިސްޓްރީން ބުނީ މިއީ ދަނޑުވެރިކަމުގެ އިޤްތިސާދު ފުޅާކޮށް މަސައްކަތްތަކަށް އިންވެސްޓުކުރެވޭނެ މަގުތައް ދަނޑުވެރިންނަށް ފަހިކޮށްދިނުމުގެ މަޤްސަދުގައި ތަޢާރަފްކޮށްފައިވާ ސްކީމެއްކަމަށެވެ. މި ލޯން ޕްރޮގްރާމުގެ ދަށުން ލޯނު ދޫކުރުމުގައި އިސްކަން ދޭނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރުޢުތައް ހިންގުމަށްކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ވަރޓިކަލް ގަރޑެނިންގ، ޕޯލްޓްރީގެ އިތުރުން ކުދި ޖަނަވާރު ގެންގުޅުން އަދި ގަސް އުފައްދާ ނާސަރީތައް ޤާއިމްކުރުން ފަދަ ކަންތައްތަކަށް ލޯން ދޫކުރެވޭނެކަމަށް މިނިސްޓްރީން ބުނެއެވެ.

6 އިންސައްތަ އިންޓްރެސްޓާއިއެކު ދޫކުރެވޭ މި ލޯން ސްކީމްގެ ދަށުން އެންމެ މަދުވެގެން ނެގޭނީ 75 ހާސް ރުފިޔާއެވެ. އަދި އެންމެ ބޮޑު އަދަދަކަށް ނޭގޭނީ 2 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އަމިއްލަ ފަރުދުންނަށް 75 ހާސް ރުފިޔާއާއި 500 ހާސް ރުފިޔާއާއި ދެމެދުގެ ފައިސާގެ އަދަދެއް ލޯނުގެ ގޮތުގައި ނެގޭއިރު ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނި އަދި ކޯޕަރޭޓިވްސްތަކަށް 75 ހާސް ރުފިޔާއާއި ދެ މިލިއަން ރުފިޔާގެ ދެމެދުގެ ލޯނު ނެގޭނެގޭނެއެވެ. އަދި ރަހުނު ނުދައްކާ ލޯނު ނެގޭނެ އެންމެ މަތީ އަދަދަކީ 75 ހާސް ރުފިޔާކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ލޯނުގެ ގޮތުގައި 75 ހާސް ރުފިޔާ ނަގާ ފަރާތްތަކަށް ފައިސާ ދެއްކުމަށް 3 އަހަރުގެ މުއްދަތަކާއި ހަމަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭއިރު 75 ހާސް ރުފިޔާއާއި 500 ހާސް ރުފިޔާއައި ދެމެދުގެ ލޯން ނަގާ ފަރާތްތަކަށް ހަމަހުގެ ގްރޭސް ޕީރިއަޑަކާއެކު ފައިސާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އަދި 500 ހާސް ރުފިޔާއަށް ވުރެ މަތިން ލޯން ނަންގަވާ ފަރާތްތަކަށް އެއް އަހަރުގެ ގްރޭސް ޕީރިއެޑަކާއިއެކު ފައިސާ ދައްކާ ޚަލާސްކުރުމަށް 7 އަހަރުގެ މުއްދަތެއް ދެވެނޭއެވެ.

ފިޝަރީސް މިނިސްޓްރީން ބުނީ 75 ހާސް ރުފިޔާއާއި 500 ހާސް ރުފިޔާގެ ލޯން ނަގާ ފަރާތްތަކުން ލޯން ނެގުމަށް ހުށަހަޅާ ޕްރޮޖެކްޓްގެ 10 އިންސައްތަ އަމިއްލައަށް ފަންޑުކުރަންޖެހޭނެކަމަށެވެ. އަދި 500 ހާސް ރުފިޔާއަށް ވުރެ މަތިން ލޯން ނަގާ ފަރާތްތަކަށް ޕްރޮޖެކްޓުގެ 15 އިންސައްތަ ފަންޑުކުރަންޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި ލޯން ސްކީމަށް އެދި ހުށަހަޅާ ކުންފުނިތަކާއި ކޯޕަރޭޓްތަކަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ރެޖިސްޓަރވެފައިވާ ކުންފުނިތަކަށް ވާންޖެހޭކަމަށެވެ. އަދި އަމިއްލަ ފަރުދެއްނަމަ ލޯން ހަމަޖެހޭ ހިސާބުން އެސްއެމްއީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައި އޮންނަން ޖެހޭކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ލޯނު ސްކީމުގައި ބައިވެރިވުމަށް އެދޭ ފޯމް އެސް.ޑީ.އެފް.ސީން އަދި ފިޝަރީޒް މިނިސްޓްރީން ލިބެން ހުންނާނެއެވެ.