ޚަބަރު

މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތްކުރުމާބެހޭ ސަރަހައްދީ ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި


ނެތިގޮސްދާނެކަމުގެ ބިރު ހީވެފައިވާ ދިރުންތަކުގެ ވިޔަފާރި ކޮންޓްރޯލްކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، ސައިޓީސްގެ 18 ވަނަ ކޮންފަރެންސްއަށް ތައްޔާރުވުމަށް އޭޝިއާ ޕެސިފިކް ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ.

މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ، ސައިޓީސް ކޮންފަރެންސްއަށް ތައްޔާރުވުމަށްޓަކައި ސޯލްޓް ކެފޭގައި ބޭއްވި ސަރަހައްދީ ޤައުމުތަކުގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވަނީ ވޮށިމަސް މިޔަރާއި، މަޑި މިޔަރާއި، ވެޖްފިޝް ނިސްބަތްވާ މަޑީގެ ބާވަތްތައް ވިޔަފާރިކުރުން މަނާތަކެތީގެ ލިސްޓްގައި ހިމެނުމަށް ތާއީދުކޮށްފައެވެ. އެނަވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ އެ ލިސްޓްގައި މި ދިރުންތައް ހިމެނުމާއެކު މިތަކެތީގެ ވިޔަފާރި ކުރެވޭ ނިސްބަތާއި ޑިމާންޑް އޮންނަ ސަރަޙައްދުތައްވެސް އެނގިގެންދާނެކަމަށެވެ.

2 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި 11 ޤައުމަކުން ބައިވެރިވެފައިވާއިރު ސައިޓީސްގެ ދަށުން ވިޔަފާރިކުރުން މަނާ ދިރުންތަކުގެ ލިސްޓްގައި ހިމެނުމަށް އެޤައުމުތަކުން ބޭނުންވާ ދިރުންތަކުގެ ނަންތައްވެސް ހުށަހަޅާފައެވެ. މި ބާވަތްތަކުގެ ވިޔަފާރިކުރުން މަނާކުރުމާމެދު ގޮތެއް ކަނޑައަޅާނީ މިއަހަރުގެ މެއި މަހު ބާއްވާ ސައިޓީސްގައި ބައިވެރިވާ ޤައުމުތަކުގެ ބައްދަލުވުމުގައެވެ.

ސައިޓީސް ކޮންފަރެންސްއަށް ތަރައްޔާރުވުމަށް ބޭއްވި ބައްދަލުވުމުގައި ރީފް ސްކްރޭޕަރސްގެ ފަރާތުން ބައިވެރިވި މަރީ ސަލީމް ވިދާޅުވީ ސައިޓީސް މުއާހަދާއަށް ފެތޭގޮތަށް ދިރޭތަކެތި ޤައުމުތަކުގެ މެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިކުރުމާބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށެވެ.

މިޔަރާއި މަޑީގެ ބާވަތްތަކަކީ ރާއްޖޭގައި ކުރިންވެސް އެތަކެތި ހިފުމާއި ވިޔަފާރިކުރުން ހިމާޔަތްކޮށްފައިވާ ދިރޭތަކެތީގެ ބާވަތްތަކެކެވެ. ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމަށް ރާއްޖެއިން ދަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން 2016 ވަނަ އަހަރު ބޭއްވި ސައިޓީސް ކޮޕް 17 ގައި ދިވެހިރާއްޖެއިން ވަނީ އޮއިވާލި މިޔަރު ސައިޓީސްގެ ދަށުން ޙިޔާމަތްކޮށްފައިވާ ދިރުންތަކުގެ ލިސްޓުގައި ހިމެނުމުގައި އިސްދައުރެއް އަދާކޮށްފައެވެ.