ޚަބަރު

ކ.ހުރާ ކައުންސިލް ކަޕުގައި ފައިނަލުގެ ފަހު ޖާގަ އެފްސީ ސަޓަރޑޭ ސޫޕުން ހޯދައިފި


ކ.ހުރާ ކައުންސިލް ކަޕުގައި ފައިނަލުގެ ފަހު ޖާގަ އެފް.ސީ ސަޓަރޑޭ ސޫޕުން ހޯދައިފިއެވެ.

އެޓީމުން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޓީމް ރައިވަލްސް އާއި ވާދަކުރި މެޗު ފަސޭހަކަމާއެކު ތޭރަ ލަނޑު އެއް ލަނޑުން ބަލިކޮށްގެންނެވެ. މި މިމެޗުގައި އެފް.ސީ ސަޓަރޑޭ ސޫޕުން ޖެހި ތޭރަ ލަނޑުގެ ތެރެއިން ހަ ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އިސްމާއީލް އީސާއެވެ. އަދި މީގެ އިތުރުން އިޝާން އިބްރާހިމް، ޔަސްފާދް ހަބީބް އަދި އަހުމަދު ނިޒާމް މި ތިން ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއެއްވެސް ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައެވެ. އަނެއް ލަނޑު ޖަހައިދިނީ ހުސައިން ޝިފާއުއެވެ. މި މެޗުގައި ޓީމް ރައިވަލްސްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އަހުމަދު އަޔާޒްއެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި މާދަމާ ރޭ އެފްސީ ސަޓަރޑެ ސޫޕް ނުކުންނާނީ އެންޖޯއީ ފްރެންޑްސް ބަލިކޮށް ފައިނަލަށް ދަތުރުކުރި ޓީމް ތްރީޑީއެވެ. މި މުބާރާތަކީ ހުރާ ކައުންސިލުން އިންތިޒާމްކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި މިއަހަރު އަށާރަ ޓީމެއްވަނީ ބައިވެރިވެފައެވެ.