ސިޔާސީ

އިތުބާރުނެތް މައްސަލަތަކުގެ ގަވާއިދު ބަދަލު ކުރަނީ ސަރުކާރަށް ބިރުދައްކަން - ސަރުކާރު މެންބަރުން


އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު މަޖިލީހަށް ލިބޭގޮތަށް ގަވާއިދު ބަދަލު ކުރުމުގެ މަސައްކަތް ކުއްލިއަކަށް ފަށާފައި ވަނީ ބައެއް އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކަށް ބިރުދެއްކުމަށް ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ ގިނަ މެންބަރުން ވިދާޅުވެއްޖެއެވެ.

އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ މަޤާމު ގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި އިސްލާހަކީ މަޖިލީހުގެ އާންމު ކޮމިޓީގައި ބަހުސް ކުރުމަށްފަހު ހުށަހަޅާފައިވާ އިސްލާހެކެވެ.

މަޖިލީހުގައި މިފަދަ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތާމެދު އާންމު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުޞަތުގައި ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ އަދި ސަރުކާރަށް ތާއީދު ކުރައްވާ ގިނަ މެމްބަރުން ވަނީ މި އިސްލާޙާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.

މި އިސްލާހާ ދެކޮޅަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ކުއްލި ކުއްލިއަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރަނީ އަމިއްލަ މަންފާއަށް ކަމަށާއި އެގޮތުން އިތުބާރު ނެތް މައްސަލަތަކުގައި އަމަލު ކުރާނެ ގަވާއިދު ބަދަލުކުރަން އުޅެނީ މިހާރުގެ ސަރުކާރަށާއި ރައީސް ޞާލިޙަށް ބިރު ދެއްކުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލެއް ގެނައީ. މިއަދުގެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ކެބިނެޓްގެ އެކިއެކި ވަޒީރުންނަށް ބިރުދެއްކުމުގެ ގޮތުން. ބިރުދެއްކުމުގެ އުސޫލުން،" އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ އާންމު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ވަނީ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުބާރު ނެތްނަމަ މަގާމުން ވަކި ކުރެވޭނެ ގަވާއިދެއް އޮންނަން ޖެހުނަސް މިހާރު އެ މަސައްކަތް ކުރާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެ ގަވާއިދު ބަދަލު ކުރުމަށް ކޮމިޓީން ދިރާސާ ކުރުމަށް ފުރުބަތު ލިބިވަޑައި ނުގަންނަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި އިސްލާޙަށް ވާހަކަ ދެކެވެނު ކޮމިޓީގައި އަޅުގަނޑު އިނިން. އަޅުގަނޑަކަށް ކަމަކު ނުދިޔަ މިކަން ހިނގާދިޔަ ގޮތެއް. އަޅުގަނޑު ތަކުރާރުކޮށް އެދުނިން އެ ގަވާއިދު ކިޔާލަން ވަގުތު ދޭށޭ. ނަމަވެސް ކޮމިޓީގައި ހަމަ ފަޓާސް ބަރިއެއްހެން ރާސްލާފައި އެދިޔަ ގޮތަށް ގޮސް ގަވައިދު ފާސްކުރީ." މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

މި އިސްލާހާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ގެންނަން އުޅޭ އިސްލާހަށް ތާއިދު ނުކުރައްވާ ކަމަށާއި އެއީ ބަލައިގަނެވޭނެ އިސްލާހެއް ނޫން ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ހުކުމެއްގައިވާ ހުރިހާ ކަމަކީ ބަލައިގަނެވޭނެ އަދި ގަބޫލު ކުރެވޭނެ ކަމެއް ނޫން ނަމަވެސް އެކަން ބަދަލު ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ހަމަ ފުރިހަމައަށް ގަބޫލް ކުރަން ގާނޫނު އަސާސީގެ ބެލެނިވެރިއެއްނޫން ސުޕްރީމް ކޯޓަކީ. އެހެން ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމެއް އޮތުމުން އެ އަށް ބަދަލުކުރެވޭނެ ކޮންމެސް އެއް ގޮތެއް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. އެއީ ސަރުކާރުން ވިޔަސް އަދި މަޖިލީހުން ވިޔަސް." އަސްލަމް ވިދާޅުވިއެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ވިދާޅުވީ ދެހާސް ސަތާރަވަނަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމެއް މިހާ ދުވަސް ފަހުން ކުށްލިއަކަށް މިހާރު ބަދަލުކުރަން އުޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓްވެސް އޮންނަން ޖެހޭ ކަމަށާއި އެ ކޯޓަށް ލިބިފައިވާ ބާރުތަކެއްވެސް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއް ބައޭ ކިޔާފައި ބޭނުންހާ ގޮތަކަށް ކަންކަން ކުރުމުގެ ފުރުޞަތު އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދާނެ އުސޫލެއް މަޖިލީހުގެ ޢާންމުކޮމެޓީން ފާސްކޮށްފައި މިވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް، އެމައްސަލަ ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ޤަވާއިދަށް އިސްލާޙު ގެނެސްގެންކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.