ވިޔަފާރި

ގާޑިޔާގެ ވިޔަފާރިކުރެވޭނެ މިންގަނޑުތަކެއް ކަނޑައަޅަނީ


ވިޔަފާރި އުޞޫލުން މާލޭގެ އެކި ސަރަޙައްދުތަކުގައި ހިންގަމުންދާ ގާޑިޔާތަކަކީ އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަންތަނެވެ. އާއިލާ މީހެއް ނުވަތަ ރައްޓެއްސަކާއެކު ލުއިކެއުމަށް ކާން ބޭނުންވާނަމަ އަދިވެސް ގިނަ މީހުން ޚިޔާރުކުރަނީ މިދެންނެވި ގާޑިޔާތަކެވެ. "ކުރުނބައެއް" ބޯން ނުވަތަ "މަސްކާއްޓެއް" ކާން ބޭނުންވެއްޖެނަމަ އެންމެންވެސް ދުއްވައި ގަންނާނީ އެންމެ ކައިރީގައި ހުރި ގާޑިޔާއެއް ހޯދާށެވެ. ދިވެހި ހެދިކާތަކާއި، ލުއި ކާނާތައް އެންމެ ފަސޭހައިން ލިބެން ހުންނަނީވެސް ގާޑިޔާތަކުންނެވެ.

މާލޭގައި ޒަމާންތަކެއް ވަންދެން ގާޑިޔާގެ ވިޔަފާރި ކުރަމުންދިޔައީ ބޮޑުތަކުރުފާނު މަގުގައެވެ. ނަމަވެސް ސިނަމާލެ ބްރިޖާއެކު ބޮޑުތަކުރުފާނު މަގުގައި ތާރުއަޅާ، ރިންގް ރޯޑެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކާ އެމަގުގައި ހުރި ހުރިހާ ގާޑިޔާތަކެއް ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. އެގޮތުން ކާނިވާ ސަރަޙައްދާއި، މަސްވެރިންގެ ޕާކާއި، އާ ސަހަރާ ފުރަގަހުން އޮންނަ މަގާއި، ވެސްޓް ޕާކާއި، ވިލާކޮލެޖް ހިމެނޭ ސަރަޙައްދުގައި ގާޑިޔާ ބަހައްޓައިގެން އެކި ފަރާތްތަކުން އަންނަނީ ވިޔަފާރި ކުރަމުންނެވެ. ދިވެހިންގެ މެދުގައި ގާޑިޔާތަކަށް ބޮޑު މަޤުބޫލުކަމެއް އޮތްނަމަވެސް، ބައެއް ގާޑިޔާތަކުގެ ސާފުތާހިރުކަން ކުޑަވުމާއި، ގިނަ އަދަދެއްގެ ބިދޭސީން މި މަސައްކަތުގައި ހަރަކާތްތެރިވަމުންދާކަމީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.

މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ގާޑިޔާގެ ވިޔަފާރި ކުރުމުގެ ހުއްދަ ސަރުކާރުން ދެނީ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދީ، ދިވެހިންނަށް އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ކަމަށެވެ. ނަމަވެސް ހުއްދަދީފައިވާ މިންވަރަށްވުރެ އިތުރަށް ގާޑިޔާތައް ބެހެއްޓުމާއި، އެކަމުގެ ނާޖާއީޒް ފައިދާ ބައެއް ދިވެހިން ނަގައިގެން ބިދޭސީން ލައްވާ ބޮޑު ވިޔަފާރިއެއް ކުރަމުންދާކަމުގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބިފައިވާކަމަށް ސިފާ ވިދާޅުވިއެވެ. އަދި އެއްގޮތަށް ހުރި ތަންތަން ފާހަގަކޮށް، އެކަންކަން އިސްލާހު ކުރުމަށް ބައެއް ގާޑިޔާތަކަށް ލިޔުންވެސް ހަވާލުކޮށްފައިވާކަން މޭޔަރ ފާހަގަކުރެއްވިއެވެ.

"މާލޭގައި ގާޑިޔާތައް ބަހައްޓާފައި އެހުންނަނީ ދިވެހިންގެ މަސައްކަތަކަށް. ނަމަވެސް އެގާޑިޔާތައް ނަގައިގެން ބިދޭސީންގެ ބޮޑު ވިޔަފާރިއެއް ހިންގަމުންދާކަމުގެ ޝަކުވާތައް ކައުންސިލަށް ވަނީ ހުށަހެޅިފައި. ދިވެހިން ކުރާ މަސައްކަތަކަށް ދޭ ފުރުޞަތެއް އެއީ. ނަމަވެސް އެ ފުރުޞަތުގެ ނާޖާއީޒް ފައިދާ ބައެއް ދިވެހިން ނަގައިގެން، ބިދޭސީން ލައްވާ ގާޑިޔާތައް އެބަ ހިންގާ. އަދި ބިދޭސީންވެސް އެ މަސައްކަތް އެބަކުރޭ. މާލޭގައި ބިދޭސީންކަށްވެސް ޤަވާއިދާ ޚިލާފަކަށް އެފަދަ ވިޔަފާރިތަކެއް ނުކުރެވެނޭ. އެހެންވީމަ ބައެއް ގާޑިޔާތަކަށް މިހާރު ލިޔުންވެސް ވާނީ ދީފައި." ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ، ގާޑިޔާތައް ހުންނަންޖެހޭނެ މިންގަނޑުތަކާއި، ގާޑިޔާތައް ބެހެއްޓޭނެ ސަރަޙައްދުތައް ކަނޑައެޅުމުގެ މަސައްކަތް އެކަމަށް ޙާއްސަ ކޮމެޓީއަކުން މިހާރު ކުރަމުންދާކަމަށާއި، ވަރަށް އަވަހަށް އެކަންކަން އާއްމުކުރާނެކަމަށެވެ. އަދި ގާޑިޔާތަކަކީ ދިވެހި އުފެއްދުންތަކާއި ލުއިކާނާ ވިއްކާ ތަންތަންކަމަށްވާއިރު، ބައެއް ގާޑިޔާތަކުން ނޫޑްލްސްއާއި ފްރައިޑް ރައިސް ފަދަ އެއްޗެހި ހަދާކަންވެސް ފާހަގަކުރެވިފައިވާކަމަށާއި، އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ސިފާ ވިދާޅުވިއެވެ.

"ގާޑިޔާ ބަހައްޓާނެ ތަންތަން ކަނޑައެޅުމުގެ މަސައްކަތް ކޮމެޓީން މިހާރު ދަނީ ކުރަމުން. ގާޑިޔާތައް ބަހައްޓަންޖެހޭ ތަންތަނާއި، ގާޑިޔާތަކުގެ ސްޓޭންޑެޑްތައް ލިޔެފައި އަޅުގަނޑުމެން އާއްމުކުރާނަން ވަރަށް އަވަހަށް. މިހާރު އެހުރިގޮތަށް ވެސްޓްޕާކު ސަރަޙައްދުގައި ހުރި ގާޑިޔާތަކެއް ކުރިއަށްއޮތްތާނގައި ނަގާފައި، ވަކި ސްޓޭންޑަޑަކަށް ގެނެސް، ގާޑިޔާތައް ހުންނަންޖެހޭނެ ތަންތަނުގައި ބެހެއްޓިގެންދާނީ. އެތަންތަނަކީ އެއްގޮތަކަށްވެސް ފްރައިޑް ރައިސް ފަދަ ކާނާ ހަދައިގެން ވިއްކުމުގެ ހުއްދަ އޮންނަ ތަންތަނެއްވެސް ނޫން.. އެކަންކަން ކުރާ ގާޑިޔާތައްވެސް އަޅުގަނޑުމެން ވަގުތުން ނަގަމުން މިދަނީ." ސިފާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، ގާޑިޔާތައް ބަހައްޓާނެ ސަރަޙައްދުތައް ކަނޑައެޅުމުގައި އާއްމުކޮށް މީހުން އެންމެ ގިނައިން ޖަމާވާ ސަރަޙައްދުތަކާއި، ޕާކުފަދަ ތަންތަނަށް އިސްކަންދޭނެ ކަމަށެވެ. އަދި މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޙާއްސަކޮށްގެން މަސްވެރިންގެ ޕާކު ސަރަޙައްދު ތަރައްޤީކުރާއިރު، އެތަނުންވެސް ކުރުނބާފަދަ އެއްޗެހި ލިބޭނެހެން ބައެއް ގާޑިޔާތައް ބެހެއްޓުމުގެ ވިސްނުން ގެންގުޅުއްވާކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.