ހއ. ހޯރަފުށީ ސިއްޙީ މަރުކަރުން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެރަށު ކައުންސިލުން ހަސަތޭކަހާސް ރުފިޔާގެ ފައިސާގެ އެހީއެއް ދީފިއެވެ.
ހޯރަފުށީ ކައުންސިލުން ވިދާޅުވީ މި އެހީއަކީ އެރަށު ސިއްޙީ މަރުކަޒުގައި އެކްސްރޭއާއި ދަތުގެ ފަރުވާ ދޭން ފެށުމަށް ބޭނުންވާ މެޝިނަރީސް ހޯދުމަށާއި ޚިދުމަތް ދިނުމަށް ބޭނުންވާ އެހެނިހެން ކަންކަމަށް ޚަރަދުކުރުމަށް ދިން އެހީއެއް ކަމަށެވެ. މި ފައިސާއަކީ ކައުންސިލްގެ އިޖްތިމާޢީ ކަންކަމަށް ޚަރަދުކުރާ ބަޖެޓުން ދީފައިވާ ފައިސާ ކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެއެވެ.
ތިން ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ހއ. ހޯރަފުށީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކައުންސިލުން ގިނަ މަސައްކަތްތައް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން އެރަށު ސުކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ސުކޫލަށް ހާޒިރުވާގަޑިއާއި، ނިމޭގަޑީގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ހިޔާކުރުމަށް ދާދިފަހުން ކައުންސިލްގެ ބަޖެޓުން 1 ލައްކަ ރުފިޔާ އެރަށު ސްކޫލާ ހަވާލުކޮށްފައިވާކަމަށް އެކައުންސިލުން މައުލޫމާތުދެއްވައެވެ.
މީގެ އިތުރުން ބަނދަރު ސަރަހައްދުގައި ދަތުރުވެރިންނަށް މަޑުކުރެވޭނެ ބެންޗުތަކެއް ހެދުމަށާއި، އޮޑި ދޯނިފަހަރަށް ބަނދަރު ސަރަހައްދުން ފަސޭހަކަމާއެކު ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކައުންސިލްގެ އިޖްތިމާޢީ ބަޖެޓުން ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް ހޯރަފުށީ ކައުންސިލުން ވިދާޅުވެއެވެ.