ސިޔާސީ

އިޒްމިއާ އާއި ގުޅޭގޮތުން ވަގުތު ނޫހުގައި ޝާޢިއުކުރި ލިޔުންތަކުގެ މައްސަލަ އެމްއެމްސީން ބަލަނީ


ވަގުތު އޮންލައިނާއި ފުލުހުންގެ މީޑިއާ ހެޑާއި ދެމެދު އުފެދުނު ނުތަނަވަސް ކަމަކާއި ގުޅިގެން ވަގުތު ނޫހުގައި ޝާޢިއުކުރި ޚަބަރުތަކާއި ގުޅޭ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަން ފަށައިފިއެވެ.

އެކަން ހާމަކޮށް މީޑިއާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވަގުތު އޮންލައިނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެޑް އޮފް މީޑިއާ ސެންޓަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރާއި ދެމެދު އުފެދުނު ނުތަނަވަސްކަމާއި ގުޅިގެން ވަގުތު އޮންލައިންގައި ޝާޢިއުކުރި ލިޔުންތަކާއި ގުޅޭ ތަފާތު ޝަކުވާތަކެއް އެކައުންސިލަށް ލިބިފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން މީޑިއާ ކައުންސިލްގެ މެންބަރުންގެ ކުއްލި ބައްދަލުވުމެއް ބާއްވައި ފުޅާދާއިރާއެއްގައި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށާއި، އެމައްސަލަ ފަސް މެންބަރުންގެ ކޮމެޓީއަކުން ބަލަން ނިންމާފައިވާކަމަށް މީޑިއާ ކައުންސިލްގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

އަދި އެމައްސަލަ ބަލާ ކޮމެޓީއަށް ދެ ފަރާތް ހާޒިރުކޮށް، މިމަހުގެ ނިޔަލަށް އެމައްސަލަ ބަލައި ނިންމުމަށްފަހު ކައުންސިލަށް ރިޕޯޓު ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.