ޚަބަރު

ޔާމީނުގެ އަނިޔާވެރިކަމުގެ ވާހަކަ، މިހާރު ދެއްކުމުގެ ބޭނުމެއްނެތް - ޢަލީ ވަޙީދު


ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު ކުރީގެ ރައީސް ޔާމީނާމެދު ހިތްބުރަކަމެއް ނެތްކަމަށާ، އަބަދު އެއަނިޔާވެރިކަމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު މިހެންވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުގެ ކެމްޕެއިން ޙަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ދިފާއުކުރުންމަތީ ދެމިހުންނަވާނެ ކަމަށާ، އިގިރޭސީވިލާތުގެ ޙިމާޔަތުގައި ރެފިއުޖީންގެ ގޮތުގައި ހުންނަވަނިކޮށް އަމިއްލަ ޤައުމަށް ގެނެސްދިން ރައްޔިތުން ދޫކުރައްވާ ވަޑައިނުގަންނަވާނެކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ނުޙައްޤު އަނިޔާތަކެއް ލިބުނު ނަމަވެސް މާޒީވެދިޔަ ކަޅު ޞަފްހާތަކުގެ ވާހަކަ މިހާރު ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާ، ރައީސް ޔާމީނާ މެދުވެސް ނުހައްގުން ޢަމަލުކުރެވިގެން ނުވާނެކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ އަނިޔާވެރިކަމުގެ ވާހަކަދައްކަވަން ބޭނުންފުޅުނުވިނަމަވެސް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ރައީސް ޔާމީނަށް ތާޢީދުކުރައްވާ ކެންޑިޑޭޓުންނަށް ތާއިދުކުރައްވަން ނިންމަވާފައިވާ ނިންމެވުމަށް ޢަލީ ވަޙީދު ވަނީ ތަކުރާރުކޮށް ފާޑުވިދާޅުވެފައެވެ.