ވިޔަފާރި

އެމްއޭސީއެލް އިން އެމްޓީސީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި


އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓް (އައިއެންއައިއޭ) އަލުން ތަރައްޤީކޮށް، ބޮޑު ކުރުމުގެ މަޝްރޫޢުގެ ދަށުން އެ އެއާރޕޯޓަށް މިވަގުތު ބޭނުންވެފައިވާ ބައެއް އުމްރާނީ މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާއި ޙަވާލުކުރުމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.އެ ދެ ކުންފުނީގެ މެދުގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެއާޕޯޓްގައި ހުރި ހިދުމަތްތައް ދޭ ބައެއް އިމާރާތްތައް ވަގުތީ އިމާރާތްތަކަކަށް ބަދަލުކޮށް ބޭނުންވާ ވަގުތީ އިތުރު އިމާރާތްތައް އަޅައި، އެތަަންތަނުގައި މިހާރު ގާއިމްކުރެވިފައިވާ ބައެއް ތަކެއްޗާއި ތަންތަން މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފައެވެ.އެމްއޭސީއެލުން ބުނީ އައިއެންއައިއޭގައި އަލަށް އެޅުމަށް ޑިޒައިން ކޮށްފައިވާ އާ ޕެސެންޖަ ޓާމިނަލަށް އިތުރުވާނެ އެހެން އިމާރާތްތައް ހުރުމާއި އެކު، އެތަނުގެ އާ ޑިޒައިނާއި އެއްގޮތަށް ތަން ފަރުމާކުރުމަށް މިހާރު އެތަނުގައި ހުރި އޮފީސްތައް އެހެން ސަރަޙައްދަކަށް ބަދަލުކޮށް ބިން ހުސްކުރަންޖެހޭ ކަމަށެވެ.މިމަސައްކަތް ނިންމުމަށް އެމްއޭސީއެލް އިން އެމްޓިސީސީ އަށް ދީފައިވަނީ 5 މަސްދުވަހުގެ މުއްދަތެކެވެ.އެއަރޕޯޓްގެ ދެވަނަ ރަންވޭގެ މަސައްކަތް ކުރިއަށްގެންދާނީ  ޖަޕާންގެ ތައިސޭ ކުންފުނިންނެވެ.މީގެ އިތުރުން އެއަރޕޯޓްގެ ތަރައްގީގެ މަސައްކަތްތަކުގެ ދަށުން، މިހާރު ކުރިއަށްދާ އެއަރޕޯޓްގެ އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި މިއަހަރުގެ ނިމުމުގެ ކުރިން ބޮއިންގ ޓްރިޕްލް ސެވަންގެ ހަތަރު މަތިންދާ ބޯޓުގެ ޖާގަ ހަމަޖެހިގެންދާނެކަމަށްވެސް އެމްއޭސީއެލް އިން މައުލޫމާތުދެއެވެ.އެއަރޕޯޓް ތަރައްގީކުރުމަށް ކޮންސަލްޓެންޓެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވަނީ ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްސް ކުންފުންޏާއެވެ.