ސިޔާސީ

ތިން އެއްބަސްވުމެއްގައި ރާއްޖެއާއި އިންޑިއާއިން ސޮއިކޮށްފި


ދިވެހި ދައުލަތުގެ އިސްބޭފުޅުންނަށް ޑިޕްލޮމެޓިކް ވިސާގެ ކަންކަމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާއި، ތަރައްޤީގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރުމާއި، އިޢާދަކުރަނިވި ހަކަތައިގެން ދާއިރާއިން ރާއްޖެއަށް އެހީ ދިނުމުގެ އެއްބަސްވުންތަކެއްގައި ރާއްޖެއާއި އިންޑިއާއާއި ދެޤައުމުގެ ދެމެދުގައި ސޮއިކުރައްވައިފިއެވެ.

މި ތިން އެއްބަސްވުމުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު ސޮއިކުރެއްވީ، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސުވަރާޖު ރާއްޖެއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ދެޤައުމުން ސޮއިކުރި އެއްބަސްވުންތަކުގައި ހިމެނޭ ދާއިރާތަކުގެތެރެއިން ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ބޭފުޅުންނަށް އިންޑިއާގައި ހިލޭ ވިސާގެ ދަށުން ހޭދަކުރެވޭނެމުއްދަތު މިހާރަށްވުރެ އިތުރުވެގެންދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ އެކިކަންކަމުގައި އެހީތެރިވުމާއި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއަށް އެހީވުމަށް އިންޑިއާއިންވަނީ އެއްބަސްވެފައެވެ.

ދެޤައުމުގެ ފޮރިން މިނިސްޓަރުން ކުރެއްވި މަޝްވަރާތަކުގައި ވަނީ ދެޤައުމުގެ ދެމެދުގައިއޮތް އުޚުއްވަތްތެރި ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކޮށް އުތުރު ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާކުރައްވާފައެވެ. އިންޑީއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި ވަނީ ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވާފައެވެ. މި މަޝްވަރާތަކުގައި ކެބިނެޓުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ މާދަމާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.