ޚަބަރު

ވޭތުވެ ދިޔަ ހަފްތާގައި 232އުޅަނދެއްގައި ސްޓިކަރ ޖަހައިފި


ވޭތުވެދިޔަ ހަފްތާގައި ޤަވާއިދާ ޚިލާފަށް ޕާކު ކުރި 232 އުޅަނދެއްގައި ސްޓިކަރ ޖަހާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކުރައްވައިފިއެވެ. މިއީ އޭގެ ކުރީހަފްތާއާ އަޅައިބަލާއިރު 147 މައްސަލަ މަދު ޢަދަދެކެވެ. ފުލުހުން މިކަން ހާމަކުރައްވާފައިވަނީ ކޮންމެ ހަފްތާއަކު ނެރުއްވާ ޓްރެފިކް މައްސަލަތަކާއި ގުޅޭ ތަފާސްހިސާބު ރިޕޯޓްގައެވެ.

ވޭތުވެދިޔަ ހަފްތާގެތެރޭގައި މަގުމަތީގެ 53އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށް ޓްރެފިކް ފުލުހުން ވިދާޅުވެއެވެ. ފުލުހުންމިކަން ހާމަކުރައްވާފައިވަނީ ޓްރެފިކް މައްސަލަތަކާގުޅިގެން ފުލުހުން ތައްޔާރުކޮށް ނެރެމުން އަންނަ ރިޕޯޓްގައެވެ. މިމަހުގެ 9އިން ފެށިގެން 15އަށް ފުލުހުން ހިންގި މަގުމަތީގެ އެކި އޮޕަރޭޝަންތަކުގައި 934 އުޅަނދުވަނީ ޗެކްކޮށްފައެވެ.

ވޭތުވެދިޔަ ހަފްތާގައި ފުލުހުން ނެރުއްވާފައިވާ ޓްރެފިކް މެނޭޖްމަންޓް ރިޕޯޓަށް ބަލާއިރު އެންމެގިނައިން ފާހަގަކުރެވެނީ ޤަވާއިދާޚިލާފަށް ޕާކުކުރި މައްސަލަތަކެވެ. މިގޮތުން މިދިޔަ ހަފްތާގައި 232 އުޅަނދެއްގައި ޤަވާއިދާ ޚިލާފަށް ޕާރކުކޮށްގެން ވަނީ ސްޓިކަރ ޖަހާފައެވެ. މީގެ އިތުރުން ވެހިކަލްތަކުގެ ވެރިފަރާތަށް އަންގައިގެން 200 ވެހިކަލް ނަގާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން ލައިސަންސް ނެތި ދުއްވި 139 ފަރާތެއްގެ މައްސަލަ ފުލުހަށް މިދިޔަ ހަފްތާގައި ހުށަހަޅާފައިވެއެވެ. އަދި ލައިސެންސް ކާރޑް ނެތި ދުއްވި 77 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން ދެން އެންމެ ގިނައިން ފާހަގަވެފައިވަނީ ރޯޑް ވާދިނަސް ނެތް މައްސަލަތަކެވެ. މިގޮތުން އުޅަނދުތަކަކީ ދުއްވުމަށް އެކަށީގެންވާ އުޅަނދެއްތޯ ބެލުމަށް ހަދާ، ރޯޑް ވަރދިނަސް ނެތިގެން 60 އުޅަނދު ވަނީ ފާހަގަވެފައެވެ. ފުލުހުން ހިންގާފައިވަ އެކި އެޕޮރޭޝަންތަކުގައި ވަނީ އަހަރީ ފީ ނުދައްކާހުރި 55 އުޅަނދެއް ފާހަގަވެފައެވެ. އަދި މީގެއިތުރުން އިންޝުއަރެންސް ނުކޮށް ދުއްވި 42 އުޅަނދުގެ މައްސަލަ ޓްރެފިކް ފުލުހުން ފާހަގަކުރައްވާފައިވެއެވެ.

ޤަވާޢިދާ ޚިލާފަށް މަގުމަތީގައި ބޭއްވުމުގެ ސަބަބުން 4 ކާރާއި، 42 މޮޓޯ ސައިކަލްވަނީ ޓޯކޮށްފައެވެ. ވޭތުވެދިޔަ ހަފްތާގެ ރިޕޯޓްގައިވާ ޓްރެފިކް މައްސަލަތަކުގައި، 18އަހަރުން ދަށުގެ ކުއްޖަކު ސައިކަލުދުއްވި މައްސަލައާއި ދުއްވަންޖެހޭ ސްޕީޑަށްވުރެ ބާރަށް ދުއްވުމުގެ މައްސަލައަކާއި ޓްރެފިކް ލައިޓަށް ކަމޭނުހިތުމުގެ 7މައްސަލައާއި، ޓްރެފިކް ނިޝާންތަކަށް ޢަމަލުނުކުރުމުގެ 40 މައްސަލަވެސް ހިމެނެއެވެ.

ޓްރެފިކްގެ މައްސަލަތައް ދެނެގަނެ، އެކަމާގުޅޭ މަޢުލޫމާތު ޓްރެފިކް ފުލުހުން ގެންދަނީ ކޮންމެ ހަފްތާއަކުވެސް ޢާއްމުކުރަމުންނެވެ. މިގޮތަށް މަޢުލޫމާތު ޢާއްމުކުރަމުންދަނީ ޓްރެފިކްގެ ޤަވައިދުތަކަށް މީހުން ހޭލުންތެރިކުރުވައި މަގުމަތީގައި ހިނގާ މިފަދަ ޙާދިސާތައް މަދުކޮށް، ޤަވައިދުތަކަށް މީހުން އަހުލުވެރިކުރުމަށްކަމަށް ފުލުހުން ވިދާޅުވެއެވެ.