ޚަބަރު

އެމްއެމްއައިގެ "މިޑް ޓާރމް ހޮލިޑޭ ފަން"ގެ އުފެއްދުންތަށް ދައްކާލައިފި


ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ސްކޫލް ބަންދާ ދިމާކޮށް ކުރިއަށްގެންދިޔަ "މިޑް ޓާރމް ހޮލިޑޭ ފަން" ޕްރޮގްރާމްގައި ދަރިވަރުން ތައްޔާރުކުރި އުފެއްދުންތަށް ބެލެނިވެރިންނަށް ދައްކާލައިފިއެވެ. މިމަހުގެ 10އިން 14އަށް ކުރިއަށްގެންދިޔަ މިހަރަކާތުގައި ޖުމުލަ 33 ކުއްޖަކުވަނީ ބައިވެރިވެފައެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް )އެމްއެމްއައި(އަކީ މީޑިއާގެ ދާއިރާއިން ފަންނުވެރިން ބިނާކުރުމުގެ މަޤްޞަދުގައި އުފައްދައި ހިންގަމުންއަންނަ މީޑިއާ އިންސްޓިޓިއުޓެކެވެ. އެމްއެމްއައިން މީޑިއާގެ ދާއިރާއިން އެކިއެކި ފަންނުތަކުގެ ފަންނުވެރިން ބިނާކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާއިރު، މެލޭޝިއާގެ މަޝްހޫރު ލިމްކޮކްވިކްގ ޔުނިވަރސިޓީގެ ކޯސްތައްވެސް އެއިންސްޓިޓިއުޓްގައި ދަނީ ހިންގަމުންނެވެ.

އެމްއެމްއައިއިން މިއަހަރުގެ ފުރަތަމަ ޓާރމްގެ މިޑްޓާރމް ބަންދާ ދިމާކޮށް "މިޑް ޓާރމް ހޮލިޑޭ ފަން"ގެ ނަމުގައި ޚާއްސަ ޙަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. މިޕްރޮގްރާމްގައި ބައިވެރިވި ކުދިންނަށް ސެޓްފިކެޓް ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމްއެމްއައިގެ ޑިރެކްޓަރ މުޙައްމަދު ޖިނާޙް ވިދާޅުވީ މިޓްޓާރމް ބަންދާ ދިމާކޮށް ހިންގި މިހަރަކާތުގައި 4 ހޯހެއް ކުރިއަށްގެންގޮސްފައިވާކަމަށެވެ. އެގޮތުން މިކޯސްތަކުގައި ޢުމުރުން 10 އަހަރާއި 18 އަހަރާއި ދެމެދުގެ 33 ކުއްޖެއް ބައިވެރިވެފައިވާއިރު، މިކޯހުން އެ ކުދިންނަށް ގިނަ ކަންތައްތަކެއް ދަސްވެގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

މިމަހުގެ 10އިން 14އަށް ކުރިއަށްގެންދިޔަ މިހަރަކާތުގައި ޓީވީ ޕްރެޒެންޓިންގ ވޯރކްޝޮޕަކާއި، ދިވެހި ބަހާއި އިނގިރޭސި ބަހުން ޚަބަރު ލިޔުމުގެ ކޯހަކާއި، ކުޑަކުދިންނަށް ޚާއްޞަ ވީޑިއޯ ޕްރޮޑަކްޝަން ކޯހެއްވެސް ވަނީހިންގާފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވި ކުދިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައިވަނީ ކުޑަކުދިންނަށް ޚާއްޞަ ވީޑިއޯ ޕްރޮޑަކްޝަން ކޯހުގައި ބައިވެރިވި ކުދިން ތައްޔާރުކުރި ވީޑިއޯތަށް އެކުދިންގެ ބެލެނިވެރިންނަށް ވަނީ ދައްކާލާފައެވެ.

އެމްއެމްއައިއިން މިހާރުވެސް މީޑިއާއާއި ކްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީނުކުރުމަށް އެކި ލެވެލްތަކުގެ ކޯސްތައް ހިންގަމުން އަންނައިރު، މިދިޔަ އަހަރުގެ ސްކޫލް ބަންދާ ދިމާކޮށް އެމްއެމްއައިއިންވަނީ "ސްކޫލް ހޮލިޑޭ ކްރިއޭޓިވް އެކްސްޓްރަވަގެންޒާ"ގެ ނަމުގައިވެސް ޚާއްޞަ ކުރުކޯސްތަކެއް ހިންގާފައެވެ.