ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އދ.މަހިބަދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަލީ އަޙްމަދު ނަން އަނބުރާ ގެންގޮސްފިއެވެ.
އެ ދާއިރާއަށް އޭނާއެކު ވާދަކުރައްވާ ގޮތަށް އޮތީ 5 ކެނޑިޑޭޓުންނެވެ. އެހެން ނަމަވެސް އަލީ އަޙްމަދުގެ ނަން ނެންގެވުމުން މިހާރު އެ ދާއިރާއަށް ވާދަކުރައްވާނީ 4 ކެނޑިޑޭޓުންނެވެ.
އެ ދާއިރާއަށް ވާދަކުރައްވާ ބޭފުޅުންނަކީ މިހާރުވެސް އެ ދާއިރާ ތަމްސީލް ކުރައްވާ ޕީޕީއެމް މެމްބަރު އަޙްމަދު ތާރިގާއި އަދާލަތު ޕާޓީން ވާދަކުރައްވާ އަލީ އާޒިމާއި އަމިއްލަ ގޮތުން ވާދަކުރައްވާ އަޙްމަދު ހުޞައިން އަދި އަޙްމަދު ސުނިލް އެވެ.
މަހިބަދޫ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ އަލީ އަޙްމަދުގެ ނަން އަނބުރާ ގެންދެވިކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ޔަގީންކޮށް ދެއްވާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މަހިބަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަފާއިވާ ކެންޑިޑޭޓްގެ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ އެހެން އިންތިޚާބުތަކުގައިވެސް ކަންކުރާ އުސޫލުން ވޯޓް ކަރުދާސް ޕްރިންޓް ކުރުމުގެ ކުރިން އެއްވެސް ފަރާތަކުން ނަން އަނބުރާ ގެންގޮސްފިނަމަ އެކަން ގަބޫލު ކުރައްވާ ކަމަށާއި އެހެން ކަމުން އަޙްމަދު އަލީގެ ނަން ނެގުމުންވެސް އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި މަޝްވަރާކޮށް މެމްބަރުންގެ އަޣްލަބިއްޔަތުން އެ ގޮތަށް ނިންމާފައިވާ ކަމަށެވެ.
އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އެމްޑީޕީގެ ފަރާތުން މަހިބަދޫ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް ވޯޓްލުމާއި ގާތްވެފައި ވަނިކޮށް ނަން ވަނީ އަނބުރާ ގެންގޮސްފައެވެ.