ޚަބަރު

އަމާޒާކީ ސަރަޙައްދީ މުބާރާތްތަކުގެ މެޗުތައް ކުޅެވޭ ފެންވަރަށް އޭދަފުށީ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުން - ނަޒީރު

އަމާޒާކީ ސަރަޙައްދީ މުބާރާތްތަކުގެ މެޗުތައް އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅެވޭ ފެންވަރަށް ދަނޑު ތަރައްޤީ ކުރުންކަމަށް އަހުމަދު ނަޒީރު ބުނެފިއެވެ.

ކްރައުން ކުންފުނީގެ އެއް ހިއްސާދާރު ނަޒީރުގެ އަމިއްލަ ޙަރަދުގައި އޭދަފުށީގައި އެޅި މަތީ ފެންވަރުގެ ޓާފު ދަނޑު ހުޅުވުމުގެ ރަސްމީޔާތުގައި ވާހަކަ ދައްކަމުން ނަޒީރު ބުނީ، ދަނޑު ހަދާފައިވަނީ ބައިންލަގްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ގޮތަށްކަމަށެވެ. އަދި މި ދަނޑުގައި ހަރުކުރުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ލައިޓިންގ ސިސްޓަމް ގެންނަން މިހާރު އޯޑަރު ކޮށްފައިވާކަމަށެވެ. އަދި ސިޑިބަރިއާއި އެނޫންވެސް ވަސީލަތްތައް މި ދަނޑުގައި ހެދުމުގެ މަސައްކަތް ކުރިޔަށްއޮތްތަނުގައި ފެށޭނޭކަމަށް އޭދަފުއްޓަށް ގިނަ ޙިދުމަތްތަކެއްކޮށްދީފައިވާ ނަޒީރު ބުންޏެވެ.

މި ދަނޑަކީ މިހާތަނަށް ރާއްޖޭގެ ކުޅިވަރުގައި އެއް ރަށެއްގައި ކުރެވުނު އެންމެ ބޮޑު އެއް ހޭދަ އެވެ. އަދި ރާއްޖޭގައި މިހާރުއޮތް އެންމެ ފެންވަރު ރަގަޅު ދަނޑުވެސްމެއެވެ.

ނަޒީރު ބުނީ މި ދަނޑު ހަދައިދޭނެކަމަށް އޭނާ އެއްބަސްވީ 2013 ވަނަ އަހަރު އޭދަފުއްޓަށް ދިޔުމުން ރަށުގެ ޒުވާނުން އެކަމަށް އެދުމުން ކަމަށެވެ. ނަޒީރު ބުނީ މި ފެންވަރުގެ ދަނޑަކަށް ވަރަށް ގިނަ ދުވަސް ވަންދެން އޭދަފުށީގެ ޒުވާނުން އުއްމީދުކުރި ކަމަށާއި، މިދަނޑާ އެކު އޭދަފުށީގެ ފުޓްބޯޅަ މިހާރަށްވުރެ ބޮޑަށް ކުރިއަށްދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްށެވެ. އަދި، ދަނޑުގެ ސަބަބުން އޭދަފުށީގެ ރައްޔިތުންނަށް މާލީގޮތުން ވެސް ފައިދާ ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ނަޒީރު ބުންޏެވެ.

ދަނޑު ހުޅުވުމަށް އިއްޔެ ހަވީރު ވަނީ އޭދަފުށީގެ ޓީމާއި އެފްއޭއެމް އިން އެކުލަވާލި ޓީމާ ދެމެދު މެޗެއް ކުޅެފައެވެ. މި މެޗު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނުނު އެފްއޭއެމްގެ ޓީމެވެ. ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކެއް ވަނީ އެރަށަށް ޒިޔާރަތްކޮށްފައެވެ.