ޚަބަރު

ހޭންޑްބޯޅަ ބީ ލައިސަންސް ކޯޗިންގ ކޯސް ރާއްޖޭގެ 2 ކޯޗުން ފުރިހަމަކޮށްފި


ހޭންޑްބޯޅަ ބީ ލައިސަންސް ކޯޗިންގ ކޯސް ރާއްޖޭގެ ޤައުމީ ޓީމްގެ ދެ ކޯޗުންކަމަށްވާ އަލީ ސޯފިހްއާއި، ހުސައިން އަޒުހަމް އަބްދުﷲ ފުރިހަމަކޮށްފިއެވެ.

ދެ ބަޔަކަށް ބަހާލައިން ކުރިއަށްދިޔަ އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަންގެ ނެޝަނަލް ކޯޗެސް ކޯހުގެ ދެވަނައަށް އެންމެ މަތީ ފަންތީގެ ކޯސް ރާއްޖޭގެ ދެ ކޯޗުން ފުރިހަމަކުރީ މިދިޔަ ހަފްތާގައި ކޮރެއާގައި އޮތް ފައިނަލް އިމްތިހާނުތަކުން ފާސްވުމުންނެވެ. މި ކޯހުގެ ފުރަތަމަ ބައި ސޮފީއާއި އަޒުހަމް ފުރިހަމަކުރީ 2018ވަނަ އަހަރު ޖަޕާނުގައެވެ.

ހޭންޑްބޯޅަ މޯލްޑިވްސްއިން ފާހަގަކުރާ ގޮތުގައި މިއީ ރާއްޖޭގެ ހޭންޑްބޯޅައަށް މިހާތަނަށް ބައިނަލްއަގްވާމީ އެންމެ ބޮޑު ކާމިޔާބީއެވެ. އައިއެޗްއެފްގެ ދެވަނަ ފަންތީގެ ކޯޗިންގ ލައިސަންސް ހޯދުމާއިއެކު ސޮފީއާއި އަޒުހަމްވެފައިވަނީ މިފަދަ މަތީ ފަންތީގެ ސެޓްފިކެޓެއް ހޭންޑްބޯޅައިގައި އޮތް ރާއްޖޭގެ ހަމައެކަނި ދެ ކޯޗުންނަށެވެ.

އައިއެޗްއެފް ބީ ލައިސެންސް ހޯދި ސޮފީއަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ކުޅަދަނާ ދިވެހި ކޯޗެވެ. އޭނާއަކީ ހޭންބޯޅަ ޗެމްޕިއަންޝިޕާއި، ހޭންޑްބޯޅަ ޤައުމީ މުބާރާތުގެ އިތުރުން އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗެވެ. އަދި އަޒުހަމްވަނީ ކުޅުންތެރިއެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި ފާއިތުވި ދެތިން އަހަރު ބޮޑު ކުރިއެރުމެއް ހޯދާފައެވެ.