ޚަބަރު

ފިލިޕީންސްގައި ކުޅުނު ތިންވަނަ މެޗުންވެސް ރާއްޖެއަށް މޮޅެއް


އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފައިނަށް ފިލިޕީންގައި ތަމްރީން ހަދަމުންދާ ޒުވާން ޓީމް ކުޅުނު ތިންވަނަ މެޗު ކާމިޔާބުކޮށްފިއެވެ.

ރާއްޖޭގެ ތޭވީސް އަހަރުން ދަށުގެ ޓީމް ފިލިޕީންސްގައި ކުރަމުންދާ ތަމްރީތަކުގެ ތެރެއިން އިއްޔެ މޮޅުވީ އެގައުމުގެ އެރެލާނޯ ޔުނިވާސިޓީގެ ޓީމާއި ވާދަކޮށް ހަތަރެއް ސުމަކުންނެވެ. މެޗުގައި ދިވެހި ޓީމްގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ނިޔާޒް، މުޙައްމަދު ޖައިލަމް، ރިހާމް އަބްދުލްޣަނީ އަދި އަބްދުﷲ ޔާމީނެވެ.

ތަމްރީން ދަތުރުގައި ކުޅުނު ފުރަތަމަ މެޗު އެއްވަރުވިއިރު، ދެވަނަ މެޗުގައި ރާއްޖޭގެ ޓީމްވަނީ އެގައުމުގެ މެންޑިއޯލާ އެފްސީ އަތުން ދޭއް ސުމަކުން މޮޅުވެފައެވެ.

2020ވަނަ އަހަރުގެ 23 އަހަރުން ދަށުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅޭ މެޗުތަކަށް ސައުދީއަރަބިއްޔާއަށް ދާން ޓީމް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ވިހިވަނަ ދުވަހުއެވެ.
ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖެ ނިކުންނާނީ ސައުދީ އަރަބިއްޔާއާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ޔޫއޭއީއާއި ދެކޮޅަށް ނިކުންނައިރު ފަހު މެޗުގައި ނިކުންނާނީ ލެބަނަންއާއި ދެކޮޅަށެވެ.