ސިޔާސީ

އިތުބާރުނެތް ކަމަށް ފާސްވުމުން މަޤާމު ގެއްލޭގޮތަށް ވޯޓަށް އެހުން މާދަމާއަށް އެޖެންޑާކޮށްފި


ސަރުކާރުގެ އިސް މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހަށް ވޯޓަށް އެހުން މާދަމާ ބާއްވާ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ މަޤާމު ގެއްލޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅި އިސްލާހަކީ މަޖިލީހުގެ އާންމު ކޮމިޓީގައި ބަހުސް ކުރުމަށްފަހު ހުށަހަޅާފައިވާ އިސްލާހެކެވެ.

މި އިސްލާހުގައި ވަނީ ފަނޑިޔާރުންނާއި ދައުލަތުގެ ވަޒީރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްފިނަމަ އެވަގުތުން ފެށިގެން އެމީހަކު މަޤާމުން ވަކިވާނެ ކަމަށެވެ. ނަމަވެސް އިތުބާރު ނެތް މައްސަލައެއްގައި ފަނޑިޔާރަކު މަޤާމުން ވަކި ކުރެވޭނީ ތިން ބައިކުޅަ ދެބައި މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް އިޞްލާޙުގައި ބުނެފައިވެއެވެ.

މިއިސްލާޙަކީ އިތުބާރުނެތްކަމުގެ މައްސަލަތަކާ ބެހޭގޮތުން 2017 ވަނަ އަހަރު ސުޕްރީމް ކޯޓުންކުރި ޙުކުމުގައި އޮތް ގައިޑްލައިނަކާ އެއްގޮތަށް ހުށަހެޅި އިސްލާޙެއްކަމަށް މިއިސްލާޙް ހުށަހެޅުއްވ ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ސިޔާސީ ބޭނުމަކަށް އިތުބާރު ނެތް ކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އެފަދަ ވޯޓެއް ނަގަންވާނީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ކަމަށެވެ. އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި ނަމަވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށާއި އެގޮތަށް ނިންމުމުން ސުޕްރީމް ކޯޓުގެ ހުކުމަށް މަޖިލީހުން ތަބާވާން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވަނީ ވިދާޅުވެފައެވެ.

އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދާނެ އުސޫލެއް މަޖިލީހުގެ ޢާންމުކޮމެޓީން ފާސްކޮށްފައި މިވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައި ވަނިކޮށެވެ. ނަމަވެސް، އެމައްސަލަ ކުރިއަށް ގެންދެވޭނީ މަޖިލީހުގެ ޤަވާއިދަށް އިސްލާޙު ގެނެސްގެންކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.